މިހާރު ކޯވިޑް-19 އަށް ޕޮސިޓިވްވަމުންދާ ނިސްބަތަށް ބަލާއިރު ޕޮސިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ހެލްތް އެމަޖެންސީ އޮަޕަޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި އެކު އެޅި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނީ ވައިރަސް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުމުން މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ފަހުން މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިއަދު އެކަނިވެސް 152 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރަށް ލަފާދެއްވާ މުޝީރު އަދި ކުރީގެ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ އަލީ ވިދާޅުވީ މިމަހުގެ ތެރޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ ކަންބޮޑުވުމަކީ ޕޮސިޓިވްވާ މީހުންގެ އަދަދަށްވުރެ ބޮޑަށް މިމަހު ތެރޭގައި ޕޮސިޓީވްވި އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަ ކަމުން ކަމަށެވެ.
އޭނާ ވިދާޅުވީ މި ބަލީގައި ސީރިއަސް ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށްވާތީ އެފަދަ މީހުންނަށް ބަލި ޖެހުމަކީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް64 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި މި އަދަދުތައް އަންނަ މަހު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ލަފާ ކުރެވޭގޮތުގައި އަންނަ މަހު ދުވާލަކު 170 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭޏެ ކަމަށެވެ.
އިތުރަށް ވިދާޅުވީ ބަލި ކޮންޓޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމްކޮށް އަމަލު ކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް