މާލެއިން ރަށަށް ދިއުމަށް 9،000 މީހުން ރެޖިސްޓްރީ ކޮށްފި: މިނިސްޓަރު އަމީން

މާލެއިން ރަށްރަށަށް ދިއުމަށް 9،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގ...

30 Jul 2020 | 05:49

މާލެއިން ރަށްރަށަށް ދިއުމަށް 9،000 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މާލެއިން ރަށަށް ދިއުމަށް އެހާ ގިނަ އަދަދެއްގެ ބަޔަކު ރެޖިސްޓްރީ ކުރި އިރު، މި ދަނޑިވަޅުގައި ރަށްރަށަށް ދިއުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. އެ 9،000 މީހުންނަކީ ކޮންމެހެން ރަށަށް ދިއުމަށް މަޖުބޫރުވެގެން ދާން ބޭނުންވާ ބައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ ހާލަތު ގޯސް ވަގުތެއްކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށާއި، އެއްވެސް އަލާމާތެއް ނުފެންނަ މީހަކުވެސް މި ބައްޔަށް ޕޮސިޓިވްވެފައި ހުރުމަކީ ގާތް ކަމެއް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެއިން ރަށްރަށަށް ދާ މީހުންގެ ފުށުން އަތޮޅުތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ. އަތޮޅު ތެރޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލީގެ ރިސްކު ބޮޑު މީހުންނަށް މި ބަލި ޖެހުން ގާތް ކަންވެސް މިނިސްޓަރު އަމީންގެ ވާހަކަގައި ފާހަގަ ކުރެއްވި އެވެ.

ރޭގެ ޕްރޮގްރާމްގައި ރާއްޖެ ދެވަނަ ލޮކްޑައުންއަކަށް ގެންދަން ބޭނުން ނުވާ މޭރުމުންވެސް މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިވަގުތުގެ ވިސްނުމަކީ ލޮކްޑައުން ކުރުން ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް، ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯވިޑް-19 މާލޭގައި ފެތުރެން ފެށުމާއި އެކު ލޮކްޑައުން ކުރުމަށް ފަހު އެޅި ވަރުގަދަ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ލޮކްޑައުންއަށް ދިން ލުއިތަކާއި ގުޅިގެން މި ފަހުން ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް