މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ނަސީބު ލިބުނީ ފަސް ދިވެހިންނަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުއަޅުކަން އަދާ ކުރަން ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގައި ތިބި މީހުންނަށް އެކަންޏެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ ތެރެއިން 70 ޕަސެންޓު މީހުންނަކީ އެހެން ގައުމުތަކުގެ މީހުންނެވެ. އަނެއް30 ޕަސެންޓު މީހުންނަކީ ސައުދީ ރައްޔިތުންނެވެ.
މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހިންގެ ރަސްމީ އަދަދެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ހައްޖުވަނީ ފަސް މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ މަދީނާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކާއީ ގާސީމް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަދި ސައުދީގެ ވެރިރަށް ރިޔާޒްގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރެއްގެ އިތުރުން ހާއިލް ހުންނަ އެއާކްރާޕްޓް އޮފީހެއްގައި މަސައްކަތް ކުރާ ދިވެހި އިންޖިއަރެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ފަސްމީހުންގެ ހާލު ރަނގަޅެވެ. އަދި އެންމެންނަށް އަރަފާތު ބިމަށް ވަނީ ދެވިފައި އެވެ.
މިއަހަރުވެސް 160 ގައުމަކުން މީހުން ހައްޖުގެ އަޅުކަން އަދާ ކުރާނެ އެވެ. ތަފާތަކީ މިދިޔަ އަހަރު އެ ގައުމުތަކުން 2.5 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ކަމެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރާނީ10،000 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް