ގަވައިދާ ހިލާފަށް ހުއްދަ ނެތި ހައްޖުވާން އުޅުނު 244 މީހަކު ހައްޔަރުކޮށްފި އެވެ.
އެމީހުން ހައްޔަރު ކޮށްފައި ވަނީ ހުއްދަ ނެތި ހަރަމް ފުޅަށް ވަންނަން މަސައްކަތް ކުރުމުންނެވެ. މީ މީހުންނަކީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެފައިވާ ފަރާތްތަކަމަށާއި މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެ އެވެ.
ހައްޖު ހުއްދަ ނެތި މައްކާގެ މުގައްދަސް އެއްވެސް ތަނަކަށް ވަނުމަކީ މި ދުވަސްވަރު މަނާ ކަމެކެވެ. ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއި އެކު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށް ގެންދާއިރު ގަވައިދާ ހިލާފަށް އެއްވެސް މީހަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ ގާތްގަނޑަކަށް 10،000 މީހުންނެވެ. އޭގެ ތެރެއިން 70 ޕަސެންޓު މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހައްޖަށް ހާއްސަކޮށް ވަކި ހޮސްޕިޓަލެއް އަޅާފައިވާއިރު ކޮންމެ 50 ހައްޖުވެރިއަކަށް މެޑިކަލް އޮފިސަރަކު ވަނީ ހަމަޖައްސާފައި އެވެ.
ހައްޖުގެ ހުރިހާ އަޅުކަމެއްވެސް އަދާ ކުރަން ޖެހެނީ އިޖުތިމާއީ ގައިދުރު ކަން ބަހައްޓައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް