ކުޅުދުއްފުށީ ސިޓީން އައްޑޫ ސިޓީއަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ބުނީ ހަފްތާއަކު ދެ ދަތުރު އެ ދޭތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށިން ބުރާސްފަތި ދުވަހު އަދި އައްޑޫއިން ހޮނިހިރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުގައި ތެޔޮ އެޅުމަށް20 މިނެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑު ކުރާނެ އެވެ. މޯލްޑިވިއަންއިން ބުނީ އެ ވަގުތުގައި ފަސިންޖަރުން ތިބޭނީ ފްލައިޓުގައި ކަމަށް ބުނެ އެވެ.
މި ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،444 ރުފިޔާ އެވެ.
އައްޑޫ-ކުޅުދުއްފުށި ޝެޑިއުލް ދަތުރައް ފަށަނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެންނެވެ. އޭގެ މައިގަނޑު ބޭނުމަކީ އެ ދެ ސަރަހައްދުގެ ދެމެދުގައި އިގުތިސާދީ ހަރަކާތްތައްް ހިންގުމަށް މަގުފަހިކުރުން ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މޯލްޑިވިއަންއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށް ފަހު ޖުލައި މަހު އަލުން ދަތުރުތައް ފެށުމަށް ތައްޔާޜުވެފައިވާއިރު އިތުރު އެއާޕޯޓުތަކަކަށް ސީދާ ދަތުރުތައް ކުރާނެ ކަމަށެވެ. އަދި އަލަށް މާވަރުލު ޑޮމެސްޓިކް އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ އެވެ.
އެތެރޭގެ ދަތުރުތަކުގެ ތެރެއިން ސީދާ ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިތުރު އެއާޕޯޓުތަކަކީ ދަރަވަންދޫ އެއާޕޯޓުން ހަނިމާދޫ އެއާޕޯޓަށެވެ. އަދި ތިމަރަފުށީ އެއާޕޯޓުން ކައްދޫ އެއާޕޯޓަށެވެ.
މޯލްޑިވިއަންއިން ބުނީ މިހާރު ދަތުރުތަކެއްގެ ޓިކެޓު އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް