ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި އެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި ނިއު ނޯމަލްގައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި ހުރިހާ ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރެންޓުތައް ހުޅުވައި ނިއު ނޯމަލްގައި ހިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އުފެއްދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މާދަމާއިން ފެށިގެން އުވާލާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި އެވެ. މާދަމާއިން ފެށިގެން އެންއީއޯސީގެ މަސައްކަތްތައް ކުރާނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.
ރައީސްގެ ޓްވީޓްގައި ވަނީ ކޯވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ވޮލެންޓިއަރުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޯވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މާލެއިން ބަލި ޖެހިފައިވާ މީހަކު ފެނިފައިވަނީ އޭޕްރިލް15 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އަށް ރާއްޖެއިން 2،337 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. މި ބަލީގައި މަރުވެފައިވަނީ އަށް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް