އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގަނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެ މުއްދަތު މިއަދު ހަމަވާތީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރަން ވަނީ ނިންމާފައި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި ރޭ އާންމުކުރި ގަރާރުގައި ބުނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. އެހެންވެ 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށެވެ.
އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކަތެރިކަން ކަށަވަރު ކުރުުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަދާ ދީފައިވާ ކަމަށާއި އެހެންކަމުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 14 ޖުލައިގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ މި ހާލަތުގައި ބަލި ކޮންޓްރޯލް ކުރުމަށް ގައުމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ބާރު ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދެ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހު އެވެ. އަދި މާލެއިން ބަލި ޖެހިފައިވާ މީހަކު ފެނި، އާންމުންގެ މެދުގައި ބަލި ފެތުރެމުންދާކަން ހާމަވީ އޭޕްރިމް 15 ވަނަ ދުވަހު އެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް 2،337 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،927 މީހަކު ރަނގަޅުވެފައިވެ އެވެ. އަދި އަށް މީހަކު މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް