ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އުތުރުގެ ބައެއް ރަށްރަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.
ފެންބޮޑުވެގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ ތިން ރަށަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީ އާއި ހދ. ނޮޅިވަރަމްފަރު އަދި ހއ. ކެލާ އެވެ. ހއ. އުލިގަމުގައިވެސް ވިއްސާރައިގަ ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެ އެވެ.
ފުލުހުން ބުނީ އިއްޔެއިން ފެށިގެން ހދ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގަ ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ފެން ވަންނާތީ ޕަންޕު ޖަހައިގެން ފެން ހިއްކާފައިވާ ކަމަށެވެ.
މި މަސައްކަތް ކޮށްފައިވަނީ އެ ސިޓީ ކައުންސިލާއި ފުލުހުން އަދި މޯލްޑިވްސް ރެޑްކްރެސެންޓު ގުޅިގެންނެވެ.
ނޮޅިވަރަމްފަރަށް ކުރި ވިއްސާރައިގަ ފެންބޮޑުވެފައިވަނީ އެ ރަށުގެ މަގުތަކުގައި އެވެ. ފުލުހުން ނުކުމެ ފެން ހިއްކާފައިވަނީ ޕަންޕު ޖަހައިގެންނެވެ.
ހއ. ކެލާއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި އާއި ގޭގޭގައި ވަނީ ފެންބޮޑުވެފައި ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ ފުލުހުން ދަނީ ކެލާ ކައުންސިލާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް ބޮކޮށް ވާރޭވެހި ގުގުރުމާއި އެކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި އެވެ. މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް