މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރިޔަށް ގެންދަން ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ 11:00 ގައި އެވެ. އަދި ވޯޓަށް އެހުމަށް ހަމަޖައްސާފައިވަނީ އެރޭ 12:00 ގެ ފަހުން އަންގާރަ ދުވަސް ފެށުމުންނެވެ.
މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަކުން ގާނޫނު އަސާސީ އިސްލާހުކޮށް ނިންމީ ރޭގައި އެވެ. މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެ އަށް ވުރެ އަވަސްކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެއްބަސްވުމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެިޓީން ރޭ ފާސްކުރި ރިޕޯޓް މިއަދު ތަޅުމަށް ގެނެސް ވޯޓަށް އެހުމަށް ޕީޕީއެމްގެ ބޭފުޅުންނާ ތިން ފަހަރެއްގެ މަތިން ވާހަކަ ދެއްކެވި ކަމަށެވެ. އެކަމަކު އެ މައްސަލަ އަވަހަށް އެޖެންޑާ ކުރަން ޕީޕީއެމްގެ މެމްބަރުންނާއި މައިނޯރިޓީ ލިޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެއްބަސްނުވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭނުންވާ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ކަމަށްވާ65 މެންބަރުން އެމްޑީޕީގައި އެބަތިއްބެވި ކަމަށެވެ. އަދި ބޭނުން ނަމަ އެ އަދަދާއި އެކު ގާނޫނަށް އިސްލާހު ގެންނަން ވޯޓަށް އެހިދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާގޮތަށް ވޯޓަށް އެހުން އޮންނާނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:00 ގައި ކަމަށެވެ.
ގާނޫނުގެ މަސައްކަތް އަވަސް ކުރުމަށް އިދިކޮޅު މެންބަރުން އެއްބާރުލުން ނުދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ސަރުކާރުން އެއްބަސް ނުވާތީ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އެކަމަކު މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ކަންކަން ކުރިއަށް ދަނީ އިދިކޮޅުން އެދުނު ގޮތަށް ކަމަށާއި ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވައި އިޖުރާތްތައް ފުރިހަމަކޮށްގެން މަސައްކަތް ކުރިއަށް ގެންދަވާތީ އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ.
ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް އިސްލާހު ގެންނަނީ ސުޕްރީމް ކޯޓުން އިއްޔެ ދިން ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށެވެ.
އިދިކޮޅުން ވޯޓަށް އެހުން އަވަސް ކުރުމަށް އެއްބަސް ނުވި އިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ބިލު ހުށަހެޅިތާ މިހާރު ދެ މަސް ވަނީ އެވެ. އެކަމަކު މިހާ ދުވަސްވީއިރު އެ އިސްލާހު ބަލައި ނުގަނެ ފަސްކޮށް އޭގެ ބަދަލުގައި ވަގުތީ އެހެން ބިލުތައް ހުށަހަޅައިގެން ގާނޫނު އަސާސީ އިސްލާހު ނުކުރުމަށް ނަޝީދު އާއި އެމްޑީޕީގެ ބައެއް މެންބަރުން ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
އޭރު އެ އިސްލާހުގެ މަސައްކަތް ނަޝީދު ކުރިއަށް ނުގެންދެވީ މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތް ވާތީ ކަމަށް، ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވުމުންނެވެ.
އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ނިންމީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް