16 އަހަރުގެ ކުއްޖަކު މާލެ ގެނެސް ބެލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އާއިލާއަށް އޮޅުވާލައިގެން 16 އަހަރުގެ ކުއްޖަކު މާލެ ގެނެސް ބެލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މ...

30 May 2020 | 13:16

އާއިލާއަށް އޮޅުވާލައިގެން 16 އަހަރުގެ ކުއްޖަކު މާލެ ގެނެސް ބެލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ހުށަހެޅުނު ކަމަށާއި މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށެވެ.

"އިސްވެދެންނެވުނު ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރުއެވެ. އަދި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ." ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އިސްވެދެންނެވުނު އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަން މީހެއްކައިރިއަށް ކުއްޖާ އެކަނި ކަމާއި އަދި އިސްވެދެންނެވުނު އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ  ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅއަޅަމުން ގެންދާނެކަމުގައި ފުލުހުން ބުނެފައިވެއެވެ.

އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރެއެވެ.

މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހްޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް