ނަޝީދު ގެންދަވަނީ ސަރުކާރަށް ގޮންޖައްސަވަމުން، އިސްތިއުފާދެއްވާ: ޖާބިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ޖ...

30 May 2020 | 12:49

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ސޮއި ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މާލެ ލޮކްޑައުންގައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށައި ނަޝީދު ސަރުކާރަށް ގޮންޖައްސަވާފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވެފައި ވަނީ ނަޝީދުގެ އެ އަމަލަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި މެންބަރުން ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ހިންގި ޖަރީމާއެއް ކަމަށެވެ.

ސިޓީގައި ވިދާޅުވެފައިވާގޮތުގައި މި ދަނޑިވަޅަކީ ސަރުކާރަށް އެންމެ ބޮޑަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ވަގުތެވެ. އެކަމަކު ނަޝީދު 19 ވަނަ މަޖިލީސް ހިންގަވަމުން ގެންދަވަނީ ސިޔާސީ އައްޑަނައެއްގެ ގޮތުގައި ކަމަށެވެ.

އެހެންވެ ވަގުތުން މަގާމުން އިސްތިއުފާދެއްވުމަށް ޖާބިރު ވަނީ ނަޝީދަށް ގޮވާލައްވާފައި އެވެ.

ކޯވިޑާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ފަހު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖަލްސާތައް ކުރިޔަށް ގެންދަނީ މަޖިލީހުގެ ތަޅުމުގައި އެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖަލްސާތައް ކުރިޔަށް ގެންދަން ފަށަން ނިންމީ ކައުންސިލްތަކުގެ ދައުރު ހަމަވާތީ ދައުރު ދަންމާލުމުގެ މަސައްކަތް ކުރަން ޖެހޭތީ އެވެ.

ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެއްސީ އެޗްޕީއޭގެ ހުއްދަ ނުހޯދައެވެ. އެކަން އެގޮތަށް ނުކުރެވޭނެކަމަށް ގިނަ މެންބަރުންނާއި އާންމުން ބުނަން ފެށުމުން ޖަލްސާ ބޭއްވުމުގެ ހުއްދަ އަށާއި މަޖިލީހަށް ވަޑައިގަތުމަށް މެންބަރުންނާއި މުވައްޒަފުންނަށް ހުއްދަ ހޯދަން ފުލުހުންގެ ކިބައިން މަޖިލީހުގެ އިދާރާއިން އެދުނެވެ.

އެޗްޕީއޭއިން ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ ވަކި އުސޫލުތަކަކަށް އަމަލު ކުރާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް