މާލޭ އާއި ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ކްލިއާ ނުކޮށް ހުރި މުދަލުން ސްޓޯރޭޖް ފީ ނަގަން ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.
އެ ފީ ނެގުން ހުއްޓާލީ ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރުމުންނެވެ.
އަލުން ފީ ނަގަން ނިންމި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އޮތުމުން ސްޓޯރޭޖް ފީއިން 20 ޕަސެންޓު އުނިވާނެ ކަމަށެވެ. އަދި ކޮންޓެއިނަރައިޒްޑް ކާގޯއަށް ލިބޭ 12 ދުވަހުގެ ހިލޭ ސްޓޯރޭޖު އަދިވެސް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫންގައި 12 ދުވަހުގެ ފްރީ ސްޓޯރޭޖު ހަމަވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫންއިން ފެށިގެން ސްޓޯރޭޖް ފީ ނަގާ އުސޫލުން ނެވެ.
އެމްޕީއެލްއިން ބުނީ އަލުން އެ ފީ ނަގަން ފަށަން ނިންމީ ފީ ނުނަގާތީ މުދާ ކްލިއާ ކުރަން މީހުން އިސްކަންދޭ މިންވަރު ދަށްވެ، ބަނދަރުގައި މުދަލާއި ކޮންޓެއިނަރުތައް ގިނަވެ ޖާގައިގެ ދަތިކަން ދިމާވަމުންދާތީ އެވެ. އެކަމުގެ ސަބަބުން އޮޕަރޭޝަންތަކަށް ދަތިވެ، އަލަށް ގެންނަ ކޮންޓެއިނަރުތައް ބަނދަރަށް ބާލަން ދަތިވާ ކަމަށް މިއަދު އެމްޕީއެލްއިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެ ކުރާ މުދަލުން އެ ކުންފުންޏަށް ނަގަމުން އަންނަ ތަފާޓު ވައްތަރުގެ ފީތަކުން ބޮޑުބައެއް އުނިކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް