ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބަންގްލްދޭޝް މީހުންގެ ތެރެއިން 393 މީހަކު ދެ ދުވަސްތެރޭގައި ފުރުވާލައިފި އެވެ.
މި އެންމެން ގެންގޮސްފައިވަނީ އިއްޔެ އާއި މިއަދު މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެވެ.
މީގެ ތެރެއިން އިއްޔެ ފުރުވާލާފައިވަނީ 198 މީހެކެވެ. އަދި މިއަދު 195 މީހަކު ފުރުވާލާފައިވެ އެވެ.
މި އާއި އެކު ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބަންގްލްދޭޝްގެ 1،000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލެވުނީ އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާގޮތުގައި ކުރިޔަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ މީހުންގެ އިތުރުން ބަންގްލަދޭޝްއަށް ބާއްވާ މިފަދަ ފްލައިޓުތަކުގައި ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ މީހުން ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުމާއި އެނޫން ސަބަބުތަކާއި ހެދި އަނބުރާ ގޮސްފައިވެ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ފޮނުވާލަމުން ދަނީ މޯލްޑިވިއަންގެ ފްލައިޓުތަކަކުގައި އާއި އެ ގައުމުގެ ގައުމީ އެއާލައިން ބިމާން އެއާލައިންގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުތަކުގައި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 90 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިހާރު ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީވެސް އެ ގައުމުގެ މީހުންނެވެ. މިހާތަނަށް 800 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް