ފޯބްސްގެ ޓްރެވަލް ގައިޑުން ދޭ ޓޫރިޒަމް ދާއިރާގެ ފައިވް ސްޓާ އެވޯޑު ރާއްޖޭގެ ހަ ރިސޯޓަކަށް ލިބިއްޖެ އެވެ.
މި އެވޯޑުތައް ދެނީ ފޯބްސްގެ ހާއްސަ ޕެނަލްއަކާއި ހިދުމަތް ހޯދަން ޓޫރިސްޓުންގެ ގޮތުގައި އެ ރިސޯޓުތަކަށް ދާ ރިޕޯޓަރުންގެ ހިޔާލުގެ މައްޗަށް ބަލައިންނެވެ. މި އެވޯޑު ދެނީ، އެތަންތަނުން ދޭ ހިދުމަތްތަކުގެ މައްޗަށާއި ރީތިކަމުގެ މައްޗަށް ބަލާފަ އެވެ.
ފޯބްސް ޓްރެވަލް ގައިޑުން ދޭ ފައިވް ސްޓާ އެވޯޑު ލިބިފައިވާ ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ވެލާ ޕްރައިވެޓް އައިލެންޑާއި ފޯސީޒަން ކުޑަ ހުރާ، ޝެވަލް ބްލޮންކް ރަންދެލި ރިސޯޓެވެ. އަދި ކަނުހުރާ މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ވޯއްމުލި ރިސޯޓެވެ.
މި ލިސްޓުގެ ހަތަރު ތަރީގެ އެވޯޑު ލިބުނު ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި ބަންޔަން ޓްރީ ވައްބިންފަރާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ޖޯލި މޯލްޑިވްސް އާއި ޖުމެއިރާ ވިޓަވެލި އާއި ޕާކް ހަޔާތު މޯލްޑިވްސް ހަޑަހާ އަދި ތާޖް އެގްޒޯޓިކާ ހިމެނެ އެވެ.
ރާއްޖޭގެ ރިސޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައި މިގޮތަށް ދެވޭ އެވޯޑުތައް ވަރަށް ގިނައިން ހޯދާ ރިސޯޓުތަކެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.
އެކަމަކު ކޯވިޑް-19 އާއި ގުޅިގެން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ވައިގެ ބޯޑަރު ބަންދު ކުރުމުން ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައި އެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި ވައިގެ ދަތުރުތައް ކުރުމުގެ ހުއްދަ ދެވޭވަރު ވާނީ އަންނަ ޖުލައި މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް