ފުރަތަމަ ފަހަރަށް 90 އަހަރުން މަތީގެ މީހަކު ޕޮސިޓިވް ވެއްޖެ

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް 90 އަހަރުން މަތީގެ މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެ ޕޮސިޓިވްވެފައިވާ ކަމަށް އާންމު ކުރި މީހުންގ...

30 May 2020 | 06:19

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް 90 އަހަރުން މަތީގެ މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެ ޕޮސިޓިވްވެފައިވާ ކަމަށް އާންމު ކުރި މީހުންގެ ތެރޭގައި 92 އަހަރުގެ ފިރިހެނަކު ހިމެނެ އެވެ. އެމީހާ ޕޮސިޓިވްވެފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އެމީހާ ބައްޔަށް ޕޮސިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެމީހާ ފަރުވާ ދެމުން ދަނީ ކޮން ތަނަކު ކަމެއް ނޭނގެ އެވެ.

މިހާތަަށް ރާއްޖެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ 48 މީހަކު ހިމެނެ އެވެ. އޭގެ ތެރެއިން ހަތް މީހުންނަކީ އުމުރުން 80 އަހަރާއި 100 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވާ ތިން ދިވެހިންނަކީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 80 އަހަރާއި 89 އަހަރުގެ ދެ ފިރިހެނުންނާއި 83 އަހަރުގެ އަންހެނެކެވެ.

މި ބަލީގައި އެންމެ އަވަހަށް ހާލު ސީރިއަސްވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ ޖުމްލަ 1،591 މީހަކަށެވެ. އޭގެ ތެރެއިން 242 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. ބަލި ޖެހިގެން ފަސް މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް