ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ ކަމަށްވާ އިނގިރޭސިވިލާތުގެ ބޮބް ވެއިޓަން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވެފައިވާކަން އެނގުނީ ބުރާސްފަތި ދުވަހު ހޭނުލައިގެން ބެލި އިރު ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
ބޮބް ކައިވެނިކޮށްފައިވަނި ޒުވާން ދުވަސްވަރު ޓައިވާންގައި ވަޒިފާ އަދާ ކުރަމުން އެ ގައުމުގެ އަންހެނަކާއި އެވެ. އެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ. އޭނާ މަރުވި އިރު ދުނިޔޭގައި ތިބީ 10 ކާފަދަރިންނާއި 25 މުނިކާފަ ދަރިން ނެވެ.
މަރުވިއިރު ބޮބްގެ އުމުރަކީ112 އަހަރެވެ. އޭނާއަށް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މިހާގެ ލަގަބު ލިބުނުތާ އަދި ވީ ދެ މަހެއްހާ ދުވަހެވެ.
އެލަގަބު ލިބިފައިވަނީ ކުރިން އެ ލަގަބު އޮތް ޖަޕާނުގެ އުމުރުން 112 އަހަރުގެ ޗިތެޓްސޫ ވަތަނަބޭ މަރުވުމުންނެވެ. އެމިހާ މަރުވީ މިދިޔަ ފެބްރުއަރީ ފަހު ހަފްތާގައި އެވެ. އޭނާ މަރުވެފައިވަނީ ދުވަސްވި ފިރިހެން މީހާގެ ލަގަބު ލިބުނުތާ ދެ ހަފްތާ ފަހުންނެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެން މީހާގެ ލަގަބު އޮތީ ޖަޕާނު މީހެއްގެ އަތުގައި އެވެ. އުމުރުން 117 އަހަރުގެ ކޭން ޓަނާކާ ވަނީ އޭނާގެ 117 ވަނަ އުފަންދުވަސް މިދިޔަ ޖެނުއަރީ މަހު ފާހަގަކޮށްފަ އެވެ.
އަދިވެސް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތް ކޭން ދިރިއުޅެނީ ޖަޕާނުގެ ދެކުނުގެ ފުކޯކާ ސިޓީގެ އުމުރުން ދުވަސްވީ މީހުން ތިބޭ ނާސިން ހޯމެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް