މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުންނަށް އިތުރު ފުރުސަތެއް

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ފުރުސަތެއް ދީފި އެވެ. ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި...

30 May 2020 | 05:01

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ފުރުސަތެއް ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ލޮކްޑައުން އާއި ގުޅިގެން ރަށަށް ނުދެވި ތިބި މުވައްޒަފުންތަކެއް ތިބުމުން ކުރިން ރަޖިސްޓްރީވެފައި ނުވާނަމަ އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އިއްޔެ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ ޖޫން އެއް ވަނަ ދުވަހުގެ މެންދުރު2:00 އަށެވެ.

އެ މިނިސްޓްރީން ބުނީ އޭގެ ކުރިން ރަށަށް ދާން ބޭނުންވާ ރިސޯޓު މުވައްޒަފުން ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް އެސްއެމްއެސް އެއް ކުރުމަށް އެދޭ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް [email protected] ގައި ނަން ނޯޓު ކުރެވޭނެ ކަމަށް ބުނެ އެވެ.

މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ނަން ނޯޓު ކުރި މުވައްޒަފުންގެ ތެރެއިން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެވެނީ 26 މީހުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެމީހުން ނަން ނޯޓު ކުރުމަށް ފަހު ދީފައިވާ ނަމްބަރަށް ގުޅޭގޮތް ނުވެ އެމީހުންނާއި މުއާމަލާތް ކުރެވޭނެ ގޮތެއް ނުވާ ކަމަށެވެ.

މިހާތަނަށް މާލޭގައި ތަށިވެފައި ތިބި ރިސޯޓު މުވައްޒަފުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 300 އަށްވުރެ ގިނަ މީހުން ވަނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފި އެވެ. ވަގުތީ ގޮތުން މާލެ އައިސް ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ތިން ވަނައަށް އެންމެ އިސްކަން ދީގެން ރަށަށް ފޮނުވުމަށް ކަރަންޓީން ފެސިލިޓީތަކަށް ގެންދަނީ ރިސޯޓުތަކުގައި ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ރަށަށް ދާން މާލެ އައި މުވައްޒަފުންނެވެ.

އެމީހުން އަލުން ކަރަންޓީން ކުރަން ނިންމީ މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން ރަށްރަށަށް ބަލި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މިގޮތަށް ގާއިމްކޮށްފައިވާ ގިނަ ޓްރާންސިޓް ފެސިލިޓީތައް ހުރީ އެކި އަތޮޅުތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް