އަފްގާނިސްތާނާއި ސީރިއާގެ ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވުމަށް ފަހު ގަވައިދާ ހިލާފަށް ތުރުކީއަށް ހަތަރު ދަރިންނާއި އެކު އަންހެނަކު އެތެރެވެފައިވާތީ އެ މީހުންގެ ކަންކަން ހަމަޖެއްސުމަށް ތުރުކީ ފުލުހުންނާއި އެކު ދިވެހި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި އަންހެން މީހާ އަކީ ސީރިއާ އިން ތުރުކީ އަށް ގަވައިދާ ހިލާފަށް އެތެރެވެ އުޅެނިކޮށް ތުރުކީ ސިފައިން ހައްޔަރުކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ. އެ މީހާ އާއި ހަތަރު ކުދިން ރާއްޖެ ގެންނަން ޓްރެވަލް ޑޮކިއުމަންޓްތައް ހޯދައި އިދާރީ ކަންކަން ހަމަޖެއްސުމަށް ފުލުހުންގެ ޓީމެއް ދަނީ ތުރުކީގައި ހަރަކާތްތެރިވަމުންނެވެ.
މި މީހާ އަށް ލިބިފައިވާ ހަތަރު ކުދިންނަކީ އަފްޣާނިސްތާނާއި ސީރިއާގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ލިބިފައިވާ ކުދިން ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މީގެ ތެރެއިން އެންމެ ހަގު ދެ ކުދިން އުފަންވެފައި ވަނީ އަފްޣާނިސްތާނާއި ސީރިއާގައި އުޅުނުއިރު ކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި، މިކަން ކަށަވަރު ކުރުމަށް ވަނީ ޑީއެންއޭ ސާމްޕަލް ނަގައިފަ އެވެ.
ހާލުގައި ޖެހިފައިވާ މި އާއިލާ އަށް ހަނގުރާމައިގެ ސަރަހައްދުތަކުގައި ބިރުވެރި ތަޖުރިބާތައް ކުރެވި ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އާއިލާ ރާއްޖެ ގެންނަން ބެލި އިރު އެ މީހުންގެ އަތުގައި ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށާއި އެހެންވެ ދަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް، ރާއްޖޭން ބޭރުގައި އުފަންވެފައިވާ ކުދިންގެ ރަަށްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭ ކަންކަން ހަމަޖައްސަން އަންނަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އާއިލާ ރާއްޖެ ގެނައުމަށް ފަހު އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރަންޖެހޭ މަސައްކަތް، ހޯމް މިނިސްޓްރީގެ ނެޝަނަލް ރިއިންޓަގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށެވެ.
ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ގާނޫނީ ކުށަކަށް ވާތީ، މިގޮތަށް ގޮސް އުޅެނިކޮށް ގެންނަ މީހުންނާ ގުޅޭ ކުށުގެ މައްސަލަތައް ފުލުހުން ތަހުގީގުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް