އިންޑިއާގެ މަޝްހޫރު ޓީވީ ނޫސްވެރިޔާ ރޯހިތް ސަރްދަނާ ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.
ރޯހިތް މަރުވެފައިވަނީ އިއްޔެ ކޯވިޑަށް ޕޮސިޓިވްވުމުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހާޓްއެޓޭކެއް ޖެހިގެން ނެވެ. މަރުވި އިރު އޭނާގެ އުމުރަކީ 41 އަހަރެވެ.
މަރުވި އިރު އޭނާ މަސައްކަތް ކުރަމުންދިޔައީ އިންޑިއާ ޓުޑޭ ގްރޫޕުގެ އާޖް ތަކް ޓިވީ ޗެނަލްގެ އެގްޒެކެޓިވް އެޑިޓާ އަދި ޓީވީ ނިއުސް އެންކާގެ ވަޒީފާއެވެ. އޭނާ މަރުވިއިރު އަތްބަކާއި ދެ އަންހެން ދަރިން އެބަތިއްބެވެ.
ރޯހިތް މަރުވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުޒިޔާ ކިޔައި ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓުގައި މޯދީ ވިދާޅުވީ ރޯހިތަކީ ވަރަށް ހިތްވަރާއި ޖޯޝާއެކު އިންޑިއާ ހޯދަމުން އައި ކުރިއެރުން ބަލައި ދިރާސާކޮށް އެކަމަށް ހަބަރާއި ރިޕޯޓުތައް ގެނެސްދީފައިވާ ނޫސްވެރިއެއް ކަމަށެވެ.
ރޯހިތްގެ މަރާއި ގުޅިގެން ސިޔާސީ ފަރާތްތަކާއި މަޝްހޫރު ނޫސްވެރިންނާއި އިންޑިއާގެ އެކި ފަންތީގެ މީހުން ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. އަދި ރޯހިތްގެ މަރުވެފައިވަނީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު މަރަކަށެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތް ފާހަގަކޮށް 2018 ވަނަ އަހަރު ސަރުކާރުން ރޯހިތަށް ވަނީ ނޫސްވެރިކަމުގެ އެވޯޑެއް ކަމަށްވާ ގަނޭޝް ޝަންކަރް ވިދްޔާރްތީ ޕުރުސްކަރް އެވޯޑް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް