އިންޑިއާ ކޮވިޑު: ވީއައިޕީއަކަށް ދިނުމަށް ފަގީރެއްގެ އޮކްސިޖަން ސިލިންޑަރު ޖަހައިގަތީ ފުލުހުން، ފަގީރުމީހާ ވީ މަރު !

އަވަށްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ހިތާމަވެރި އެތައް އެތައް ހާދިސާއެއް އަންނަނީ ހިނގަމުންނެވެ. އޮކްސިޖަނަށް ޖެހި ހޮސްޕިޓަލްތައް ފުލްވެފައިވާއިރު އިއްޔެވެސް އިންޑިއާގ...

30 Apr 2021 | 15:53

އަވަށްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ހިތާމަވެރި އެތައް އެތައް ހާދިސާއެއް އަންނަނީ ހިނގަމުންނެވެ. އޮކްސިޖަނަށް ޖެހި ހޮސްޕިޓަލްތައް ފުލްވެފައިވާއިރު އިއްޔެވެސް އިންޑިއާގައި ގާތްގަނޑަކަށް ހަތަރު ލައްކަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. ތިން ހާހަށްވުރެ ގިނަ މީހުން އިއްޔެ އެކަނިވެސް ކޮވިޑުގައި މަރުވިއެވެ.

އިންޑިއާގައި މި ހާލަތުގައި ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން މިއީ އެއް ހާދިސާއެވެ. މި ހާދިސާ ހިނގާފައިވަނީ އުއްތަރް ޕްރަދޭޝްގެ އާގްރާގެ ހޮސްޕިޓަލެއްގައެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ފުލުހުންގާތު އާދޭސް ކުރަމުން ގެންދާތަނެވެ. ރޮމުން އޭނާ އާދޭސް ކުރަމުންގެންދިޔައީ އޭނާގެ މަންމަގެ އޮކްސިޖަން ސިލިންޑަރު އަތު ނުލުމަށް އެދިއެވެ.

"ތި އޮކްސިޖަން ސިލިންޑަރު ގެންގޮސްފިއްޔާ އަހަރެންގެ މަންމަ ސަލާމަތެއް ނުކުރެވޭނެ" ގިސްލާ ރޮމުން އޭނާ ބުނަމުން ދިޔައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޮކްސިޖަން ސިލިންޑަރު ގެންދިޔަތާ ދެ ގަޑިއިރެއްހާއިރުތެރޭގައި އޭނާގެ މަންމަ މަރުވިއެވެ.

އަންމޯލް ގޯޔަލް ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ އެ ފިރިހެން މީހާ މީޑިއާތަކަށް އިންޓަވިއުދެމުން ބުނެފައިވާގޮތުގައި ފުލުހުން އެ ސިލިންޑަރު ގަދަކަމުން ގެންދިޔައީ ވީއައިޕީއަކަށް ދިނުމަށެވެ. އެ ސިލިންޑަރު އޭނާ ހޯދީވެސް ވަރަށް މަސައްކަތުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

https://twitter.com/dklavaniaTOI/status/1387385303866888197?s=20

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގައި މިފަދަ އެތައް އެތައް ހިތާމެވެރި ހާދިސާއެއް އަންނަނީ ހިނގަމުންނެވެ. އަދަދުތައް އިންތިހާއަށް މަތިވެގެން ގޮސް ޕޮޒިޓިވް ވާ އަދަދު ހަތަރު ލައްކައާއި ގާތްކޮށްފައިވާއިރު މަރުވާ މީހުންގެ އަދަދު ތިން ހާހުން މައްޗަށް ގޮސްފައިވާއިރު އެއީ އަދި ރިކޯޑްތަކުން ފެންނަ އަދަދުތައް ކަމަށާއި އަސްލު އަދަދު އެއަށްވުރެ ދެތިން ގުނަ އިތުރުވުން އެކަށީގެންވާކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެގެންދިޔައީ ސިޔާސީ އަދި ދީނީ އެއްވުންތަކަށް، އިމެއް މިނެއް ނެތި ގައުމު ހުޅުވާލުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް