ޕޭޕަރުތައް ލީކުވިޔަސް އެޑެކްސެލް އިން ވަކިގޮތެއް އަންގަންދެން އިމްތިހާނު ކުރިއަށްދާނެ

މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވެފަ ވީނަމަވެސް އެޑެކްސެލް އިން ވަކި ގޮތެއް އަންގަންދެން، ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނި...

30 Apr 2021 | 15:08

މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވެފަ ވީނަމަވެސް އެޑެކްސެލް އިން ވަކި ގޮތެއް އަންގަންދެން، ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ލީކުވެފައިވާ ޕޭޕަރުތަކުގެ ތެރޭގައި ބަޔޮލޮޖީ، ފިޒިކްސް، މެކޭނިކްސް، ސްޓެޓިސްޓިކްސް، ބިޒްނަސް، އަދި ކެމިސްޓްރީ ޕޭޕަރުތަކެއް ހިމެނެ އެވެ. ލީކުވެފައިވާ ބައެއް ޕޭޕަރުތަކުގެ ސްކޭން ކޮޕީތަކާއި ދަރިވަރުން މަޝްވަރާ ކުރާ ގްރޫޕެއްގެ ސްކްރީންޝޮޓްތައް ވެސް މީޑިއާއަށް ލިބިފަވެ އެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭލެވެލް އިމްތިހާނުގެ ބައެއް ޓެސްޓު ޕޭޕަރުތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމު ތަކުން ލީކު ކުރަމުންދާ ވާހަކަ އެޑިއުކޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޑެކްސެލް އިން ވެސް މިހާރު ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން އެހެން ގޮތަކަށް އަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ރާއްޖޭގައި އޭލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން އޭލެވެލް އިމްތިހާނުގެ ޕޭޕަރެއް ލީކު ވެފައި ނުވާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބަލަހައްޓަމުންދާ ކަމަށާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށް އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް