އިތުރު މައްސަލައެއްގައި ޔާމީނަށް ދައުވާ ކޮށްދޭން އެދެފި

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުވާ ކޮށް...

30 Apr 2021 | 09:58

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުސް އޮފީހުން މައްސަލަ ފޮނުވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރަނީ އާރަށް ވިއްކާލި ކުންފުނިން ދިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ. އެ ތުހުމަތުގެ ހަގީގަތް ސާފުކުރަން ކުރިއަށް ގެންދިޔަ ތަހުގީގަށް އެކި ފަހަރު މަތިން ރައީސް ޔާމީން ހާޒިރުކޮށް ބަޔާން ނަންގަވާފައި ވެއެވެ.

މި މައްސަލާގެ ތަހުގީގު ނިންމާ ދައުވާ ކޮށްދޭން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި މެލޭޝިޔާގައި ހުންނަވާ ސަފީރު ވިސާމް އަލީގެ ފިރިކަލުން އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް އެ ކުންފުނިން ނަގާ ވ. ފެލިދޫ ކައުންްސިލްގެ އިހުތިސޯސްގެ ތެރެއަށް ގެންދިޔައީ އެވެ.

ފަހުން އެ ރަށް ވިއްކާލީ ޓޫޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އަދި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ބޭރުގެ ކުންފުންޏަކަށް އެ ރަށް ވިއްކާލި އެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު އޮތީ އެ މުއާމަލާތުން ލިބިވަޑައިގެން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމުގެ ތުހުމަތެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރުގެ މައްޗަށް މިހާރު ވެސް ޖަލު ހުކުމެއް އެބައޮތެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ދަށު ކޯޓްގެ އެ ހުކުމް ހައިކޯޓުން ދަމަހައްޓާފައިވާއިރު މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓްގައެވެ.

މީގެ އިތުރުން ދަށު ކޯޓްގައި މިހާރު ވެސް އެމަނިކުފާނުގެ ދެ މައްސަލައެއް އެބައޮތެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މާފުށީ ޖަލުގައި 5 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ރޭ ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރައްވާފަ އެވެ. އެއީ މާފުށީގައި ކޯވިޑް-19 ފެތުރި އަދި ޖަލު ގައިދީންނާއި އޮފިސަރުން ވެސް އެ ބައްޔަށް ހުށައެޅެމުންދާތީ ރައްކާތެރި ކަަމަށްޓަކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް