ޅ. ނައިފަރުގައި އަދިވެސް ކޯވިޑް-19 ކޮންޓްރޯލް ނުވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ނައިފަރުން ކޯވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ރަށުގައި ދެ ކްލަސްޓާއެއް އުފެދުނު އިރު އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އެ އަތޮޅުގައި ސަރުކާރުގެ މަސްބަންދުކުރާ ފެކްޓްރީ ހިންގާ އިންޑަސްޓްރިއަލް ރަށް ފެލިވަރުގެ ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާައިރު އިއްޔެވެސް ނައިފަރުން 40 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފަވެ އެވެ. މިއާއި އެކު އެ ރަށުގައި ޖުމްލަ 170 އެކްޓިވް ކޭސް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ހިމެނެނީ 165 ދިވެހިންނާއި ފަސް ބިދޭސީންނެވެ. އެޗްޕީއޭއިން ބުނީ މި އެންމެންނަކީ ޕޮސިޓިވް މީހުންގެ ކޮންޓެކްޓުންނެވެ.
ފެލިވަރު ކޭސްތަކާއި ގުޅިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށް ކަމަށްވާ، އޮޅުވެލިފުށި، ހިންނަވަރު، ކުރެންދޫ، ނައިފަރު އަދި ކ. ހުރާ، ދިއްފުށީގެ އިތުރުން ނ. ހޮޅުދޫ މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެކަމަކު އެ ރަށްރަށުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ހުރިހާ އެންމެންހެން ގާތްގަނޑަކަށް ރަނގަޅުވެފައިވާތީ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި އެވެ.
މި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ނައިފަރާއި ފެލިވަރުގައި އެކަންޏެވެ. ފެލިވަރުން ގާތްގަޑަކަށް 500 އެއްހާ މީހުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޕޮސިޓިވްވި ނަމަވެސް މިހާރު އެ ރަށުގައި ކޯވިޑަށް ޕޮސިޓިވް ތިބީ ނުވަ މީހުންނެވެ.
ނައިފަރުން މިހާރު ޕޮސިޓިވްވަމުން ދަނީ ކުރީގެ ދެ ކްލަސްޓާ އާއި ގުޅުން ހުރި މީހުން ކަމެއް ނުވަތަ އާ ކްލަސްޓާ އަކުން ކަމެއް ނޭނގެ އެވެ.
މިހާރު އަތޮޅުތެރޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ބ. އޭދަފުއްޓާއި، ކ. މާފުށި އަދި އއ. މަތިވެރީގެ އިތުރުން އިންޑަސްޓްރިއަލް ރަށް ލ. މާންދޫގައި އެވެ. އަތޮޅު ތެރޭގައި މިވަގުތު 1،200 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް