ރާއްޖެ ދަތުރު ކުރަނީ ބާރު ދުވެލީގައި: ރައީސް ނަޝީދު

ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލު ހޯދާނީ ބާރު ސްޕީޑްގައި ކަމަށާއި ރާއްޖެ ދަތުރުކުރަނީ އެ ދުވެލީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ...

30 Apr 2021 | 09:22

ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލު ހޯދާނީ ބާރު ސްޕީޑްގައި ކަމަށާއި ރާއްޖެ ދަތުރުކުރަނީ އެ ދުވެލީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ނ. އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމާއި، ޒަމާނުއްސުރެން ފަށައިގެން ރާއްޖޭގައި ވެރިކަން ކުރި ގޮތާއި އަދި އެ ވެރިކަން ކުރި މީހުން ބަދަލުވުމާ ދިމާލަށް ދަތުރުކުރާ ވާހަކަ ދެންނެވި ކަމަށެވެ.

އެ ވާހަކަތައް ދެއްކިތާ 12 ވަރަކަށް އަހަރުފަހުން މިހާރު ހުއްޓި މިހުރީ އޭރު ދެންނެވި ބަދަލުވެފައިވާ ދިވެހިރާއްޖޭގައި ކަމަށާއި އެމަނިކުފާނުގެ ހަޔާތުގައި އެ ރާއްޖެ އަށް ދެވި އަދި އެ ބަދަލު ފެންނާތީ އުފާކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ބައެއްގެ ހަޔާތުގައި ބޮޑު ބަދަލެއް އައިސް ނިމޭތަން ގިނަ މީހުންނަކަށް ނުފެންނާނެ. އެހެން ނަމަވެސް ރާއްޖެ ދަތުރުކުރަނީ ހައި ސްޕީޑުގައި. އެ ސްޕީޑުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު ހޯދޭނެ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ހައްގުވާ މިންވަރުގެ ވާހަކަ ވެސް ދެއްކެވި ކަމަށާއި ނަމަވެސް އޭގެ 12 އަހަރުފަހުން ވެސް ކުރަންޖެހެނީ އެއް ސުވާލުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމަ އިސްކޮޅަށް ދިވެހިން ތެދުވުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް ކަމަށާއި މިއަދު މުޅި އަތޮޅެއް އެކީގައި ހަމަ އިސްކޮޅަށް ތެދުވާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ފެންނަމުންދަނީ އިންދި ކުޑަކުޑަ އޮށެއްގެ ސިއްރުން ބޮޑު ބިޔަ ގަހެއް ހެދިގެންދާތަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް