މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވީ 28 ނޮވެމްބަރު 2019 ގައި އެވެ.
އެ ދުވަހުން ފެށިގެން ވޭތުވެދިޔަ އަހަރާއި ފަސް މަސްތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގެންދަ ޔާމީން މިނިވަން ކުރުމަށް ނުވަތަ ގޭބަންދަށް ބަދަލު ކޮށްދިނުމަށް ގޮވާލާ ދޭތެރެ ދޭތެރެއިން ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ. ބައެއް ފަހަރު ދެތިން ރެއަކު މުޒާހަރާ ކުރުމަށްފަހު ހުއްޓާލައި އަނެއްކާވެސް ބްރޭކެއް ނެގުމަށް ފަހު ޔާމީން މިނިވަން ކުރަންދެން އަލުން މުޒާހަރާ ކުރަން ފަށަން ނިންމައެވެ.
ކޮންމެ މުޒާހަރާއެއް ހުއްޓާލަން ޖެހެނީ އިސްކޮށް ތިބޭ މީހުން ހައްޔަރު ކުރުމާއި ފުލުހުންގެ ހުރަސްތަކާއި ގުޅިގެން ކުރިޔަށް ނުގެންދެވިގެންނެވެ. ހާއްސަކޮށް ޔާމީން ޖަލަށް ލީންސުރެ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ހެދި ރަނގަޅަށް އިދިކޮޅަށް އެއްވުމެއް ބޭއްވޭގޮތް ވަނީ ނުވެފަ އެވެ. ކޯވިޑް ފެތުރެން ފެށުމާއި އެކު އިދިކޮޅުން ވަނީ ޔާމީނަށް ޖަލުގައި ހުންނަވަނިކޮށް ކޯވިޑް ޖެހިދާނެތީ ގެއަށް ބަދަލުކޮށްދިނުމަށް އެތައް ފަހަރަކު އެދިފަ އެވެ.
އިދިކޮޅު ލީޑަރުން ވަނީ ސަރުކާރަށް ސިޓީ ފޮނުވައިގެންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް ޔާމީން މިނިވަންކޮށްދިނުމަށް އާދޭހާއި އެކު ދަންނަވާފަ އެވެ. ރާއްޖެ އަންނަ ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ސަރުކާރަށް ބާރުއެޅުމަށް އެދުނު އިރު އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ސަމާލުކަމަށް އެ މައްސަލަ ގެނައުމަށް އަވައްޓެރި ސްރީލަންކާއަށްވެސް އިދިކޮޅު ލީޑަރުން ގޮސްފައިވެ އެވެ.
ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ސިއްހީ ހާލަތު ބަޔާންކޮށް އެތައް ފަހަރަކު ހުށަހެޅިކަމަށްވެސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފަ އެވެ. މީގެ އިތުރުން ދާދިފަހުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވާގޮތަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ފުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ހުއްދަ ދިން ގޮތަށް ހުއްދަ ދިނުމަށްވެސް ގޮވާލި އެވެ.
ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއިން ފެށިގެން އެންމެ އާދައިގެ އިދިކޮޅު އެކްޓިވިސްޓުން ވަނީ އެ ބޭފުޅުން ޖާމިނުވާ ގޮތަށް ޔާމީން ޖަލުން މިނިވަންކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައި އެވެ. ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ޕާޓީ ޓިކެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވާދަ ކުރި ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދޭން އިސްކަން ދިނުމަށް ވުރެ ޕީޕީއެމް އާއި ޕީއެންސީން އިސްކަން ދިނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރުމަށެވެ.
އެންމެ ފަހުން މެޑަމް ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއްވެސް ރައީސް ސޯލިހަށް ލިބުނެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ރައީސް ޔާމީން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިޔަށް ދާކަމަށް ބުނުން ފިޔަވާ ސަރުކާރު ފަރާތުން އިތުރު ޖަވާބެއް ނުލިބެ އެވެ.
މިއަހަރު ތެރޭގައި ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ދެ ބައްދަލުވުމެއްގައި ޔާމީން ގޭބަންދަށް ބަދަލު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެހެން ގައިދީންވެސް ގެއަށް ބަދަލު ކުރަނީ ސީރިއަސް ސިއްހީ މައްސަލަތެކް ހުރިކަން އަންގައިދޭ ލިޔުމެއް ސަރުކާރަށް ހުށަހެޅުމުން ކަމަށެވެ. އެކަމަކު މިހާތަނަށްވެސް އެފަދަ ލިޔުމެއް ޔާމީންގެ ފަރާތްޕުޅުން ސަރުކާރަށް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިދިޔަ އަހަރުގެ ކުރީ ކޮޅު ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހަދަން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދެއްވިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެފަހަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ފުރުސަތު ދެއްވުމުން ޔާމީން ބޭރަށް ވަޑައިގެންނަވަން ބޭނުންފުޅު ނުވީ ކަމަށެވެ. އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯކުޖެއްސެވުމުގެ ރާގަކަށް ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި މެޑަމް ފާތުން އަދި ޔާމީންގެ ވަކީލުން ވިދާޅުވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށްވިޔަސް ޔާމީން ވިދާޅުވަނީ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ކަމަށެވެ.
އެހެން ކަމުން ރައީސް ޔާމީނަށް ދިމާވެގެން އުޅޭ އަސްލު މައްސަލަ ސާފު ނުވާކަމަށް ރައީސް ސޯލިހު އެ ދުވަހު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާއި ދިމާކޮށް އުމުރުން ތަންކޮޅެއް ދުވަސްވެފައި ތިބި ވަކި ކުށްތަކެއްގައި ޖަލަށް ލާފައި ތިބި ގައިދީން މިނިވަން ކުރި އެވެ. ރޯދަ އާއި ދިމާކޮށްވެސް އުމުރުން ދުވަސްވީ ބައެއް ގައިދީން ގޭބަންދަށް ބަދަލު ކުރި ކަމަށްވެ އެވެ.
އެހެން ކަމުން ރައީސް ޔާމީން މިހާތަނަށް ގޭ ބަންދަށް ބަދަލު ނުކޮށް ހުރީ ވަކި އިޖުރާތުތަކެއް ފުރިހަމަ ނުވާތީ ކަމަކަށް ނުބެލެވެ އެވެ. ސިޔާސީ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ޕްރެޝަރު ކުޑަކުރުމަށް އެންމެ ރަނގަޅު ހައްލަކީ ޔާމީން ގެއަށް ބަދަލު ކުރުމެވެ. އެކަމަކު އެކަން ނުކުރީ ސަރުކާރަށް ތާއީދު ކުރާ ކޯލިޝަން ޕާޓީތަކާއި ވެރިކަން ކުރާ މައި ޕާޓީގެ ވެރިންނާއި މެމްބަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެ ވަރަށް ބަލާފަ އެވެ.
މިހުރިހާ މައްސަލަތަކެއްގެ ތެރޭގައި އުޅެނިކޮށް ޔާމީން ގެއަށް ބަދަލު ކުރަން ނިންމިކަން ކަރެކްޝަންސްއިން ހާމަ ކުރީ ރޭގެ ވަގުތެއްގައި އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެމަނިކުފާނު ހުންނެވި މާފުށީ ޖަލުގައި ކޯވިޑް ފެތުރެމުން ދިއުމެވެ. މާފުށީގައި އިންތިހާއަށް ކޯވިޑް ފެތުރެމުންދާއިރު ޕޮސިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޖަލު ބަލަހައްޓާ ޕްރިޒަން އޮފިސަރުން ހިމެނެ އެވެ
އެހެންވެ ރައީސް ޔާމީން ހިމެނޭ ގޮތަށް ހައި ރިސްކު ނުވަތަ ކޯވިޑް ޖެހިއްޖެ ނަމަ ސީރިއަސް ހާލަތަކަށް ހިނގައިދާނެ ހުރިހާ ގައިދީން ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލު ކުރުމަށް ކަރެކްޝަންސްއިން ވަނީ ނިންމާފަ އެވެ.
މި ނިންމުމާއި އެކު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ ޅެންބައިތަކުން ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ސުވާލަކީ އެއީ ސަރުކާރުން ބޭނުން ވެގެން ނިންމި ނިންމުމެއް ހެއްޔެވެ.
ސަރުކާރާއި ރައީސް ސޯލިހަށް ވެގެން ވަނީ ނަމަ ޔާމީން ގޭ ބަންދަށް ބަދަލު ނުކުރުމަށް ދައްކާނެ އުޒުރު ހުރިކަން ވޭތުދިޔަ އަހަރާއި ފަސް މަސްތެރޭގައި ވަނީ ފެނިފަ އެވެ. އަދި އިދިކޮޅުން ކިތަންމެ ވަރަށް މުޒާހަރާ ކުރިޔަސް ޔާމީން މިނިވަންކޮށް ނުވަތަ ގޭބަންދަށް ބަދަލު ނުކުރާނެކަންވެސް އޮތީ ފެންނާށެވެ.
އެހެން ކަމުން ޔާމީން ގޭބަންދަށް ބަދަލު ކުރުމުގެ ހުރިހާ ޝުކުރެއް ހައްގީ ކޯވިޑް-19 އަށެވެ. ވައިރަސް މާފުށީ ޖަލުގައި ނުފެތުރު ނަމަ އަދިވެސް ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ނުކުރީސްކަން ޔަގީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް