ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 300 އާއި ގާތް ކޮށްފި އެވެ.
މާފުށި ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެރަށުން އިއްޔެ އިތުރު 85 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއާއި އެކު ރަށުން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 291 އަށް އަރާފަ އެވެ.
އެ ރަށުން ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި 120 އަށްވުރެ ގިނަ ކޮންޓެކްޓުން ހިމެނޭއިރު ފްލޫ ކްލިނިކަށް ދެއްކި 80 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. އަދި މިހާތަނަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި 14 މީހަކާއި އެ ރަށުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ހަމަޖެހިފައިވާ ޓޫރިސްޓުންގެ ތެރެއިން 30 މީހަކު ހިމެނެ އެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ ރަށުގައި ޕޮސިޓިވްވާ މީހުންނާއި ކޮންޓެކްޓުވާ ހުރިހާ އެންމެންހެން ޕޮސިޓިވްވަމުންދާ ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ޖަލުގެ ޕްރިޒަން އޮފިސަރުންވެސް ހިމެނެ އެވެ.
މާފުށީގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮސިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.
މާފުށީގެ އިތުރުން އަތޮޅު ތެރޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ބ. އޭދަފުއްޓާއި، އއ. މަތިވެރީގެ އިތުރުން. އިންޑަސްޓްރިއަލް ރަށް ލ. މާންދޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް