''ޔާ ﷲ........ މިއަޅާއަށް ޖެހިފައިވާ މިވާ މުސީބާތުން މިއަޅާ ސަލާމަތް ކޮއްދެއްވާދޭނވެ!...... މިއަޅާއަށް ކުރިމަތިވި ހާލަތާ ކަން ހިނގާދިޔަގޮތް އިނބަ އިލާހަށް ވަންހަނާ ވެވޮޑިގެން ނުވޭ..............މިއަޅާގެ ފާފަ ފުއްސަވާދޭނވެ!...........މިއަޅާގެ ލޯބިވާ ފިރިމީހާ ........މިއަޅާގެ ޙަޔާތުން ބޭރު ނުކުރައްވާދޭނވެ!.......... އޭނާގެ ހިތުގައި މިއަޅާގެ މައްޗަށް އޮތް ލޯބި އެގޮތުގައި ލަހައްޓަވާދޭނވެ!.......... ދުނިޔޭގައި ހުރިހާ ދުވަހަކު، މިއަޅާގެ ފިރިމީހާއަށް ވަފާތެރިކަންމަތީ ދެމިހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވާދޭނވެ!.....އާމީން.........'' ދުޢާކޮށް ނިމިގެން ޒާރާ މޫނުގައި ފިރުމާލިއެވެ. ދެލޯ ފޮހެލުމަށްފަހު ދެފަހަރަކަށް ނޭފަތް އެތެރެއަށް ދަމާލިއެވެ. ރުއިމުގެ ސަބަބުން އޭނާގެ އަރުތެރެވަނީ ބެދިފައެވެ.
ޒާރާ ތެދުވިއެވެ. ބުރުގާއާއި އިސްޓާކީނު ބޭލުމަށްފަހު މުސައްލަ ފަތްޖަހާލިއެވެ. އެތަކެތި ކަބަޑުމަތީގައި ބޭއްވުމައްފަހު ޒާރާ އެނބުރިލިއެވެ. އެވަގުތު ސިހުން ލިބުނީ ކޮޓަރި ތެރޭގައި ހުރި އިމްރާނު ފެނުމުންނެވެ.
އިމްރާނު އެތާ ހުންނަތާ އިރުކޮޅޭއް ވެއްޖެއެވެ. ޙަޔާތުގެ ނިވެމުންދާ ހުޅުކޮޅަށް ދިރުމެއް ދެއްވާތޯ ޒާރާ ކުރި ދުޢާގެ އަޑު އިމްރާނަށް ނުހަނު ރީތިކޮށް އިވުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު، ޒާރާ ނަމާދުކުރަން ހުރިތަން ފެނުމުން ދޮރުން އެތެރެއަށް ވަނުމަށްފަހު އިމްރާން މަޑުކޮއްލީ ޒާރާ ނަމާދުން އަވަދިވަންދެނެވެ.
''އިމްރާން..........'' އިމްރާނާ ދިމާއަށް ޒާރާ ދުއްވައިގަތެވެ. އައިގޮތަށް އައިސް އިމްރާނުގެ މޭގައި ތަތްވެގަނެވުނީ ބޭއިޚްތިޔާރުގައެވެ. ކަރުނައިން ތެތް ވެފައިވާ ލޯ އަނެއްކާވެސް ކަރުނައިން ފުރުނެވެ.
''އިމްރާން........... އަހަންނަށް މާފެއް ނުކުރާނަންތަ.......... ޒިލީ އަށްޓަކައި އަހަރެން އިމްރާނުގެ ގޭގައި ބަހައްޓަދީ........... ހެޔޮނުވާނެ................ އަހަންނަށް އިމްރާނު ނުފެންނަ ހިސާބެއްގަ ކެތެއް ނުކުރެވޭނެ............ ޒިލީއާ ނުލާ އަހަންނަކަށް އެއްވެސް އުފަލެއް ނެތް............'' އިމްރާނުގެ މޭގައި މޫނު ޖައްސާލައިގެން ހުރެ ޒާރާ ވާހަކަދައްކަމުން ދިޔައެވެ.
އިމްރާނު ހަމަ އެހުރިގޮތަށް ހުރީއެވެ. ޒާރާގެ ހަށިގަނޑުގައި ބައްދާލަން އަތް އުފުލާލެވުނުވެސް މެއެވެ. އެހެންނަމަވެސް އެ އަތް ތިރިކޮއްލެވުނީ ކީއްވެކަމެއް ޚުދު އިމްރާނަކަށް ވެސް ނޭނެއެވެ.
އިމްރާނުގެ ހަމަ ހިމޭންކަމުން ޒާރާ އިތުރަށް ހާސްވާ ގޮތް ވިއެވެ. އޭނާ އިސް އުފުލާލިއެވެ. ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. ކޮޓަރީގައިވާ ފަޑު އަލިކަމުގެ ތެރެއިން އޭނާއަށް ނަޒަރު ހުއްޓާލެވުނީ އޭނާގެ ލޯބިވާ ފިރިމީހާގެ މޫނަށެވެ.
''އިމްރާން......... ކޮންމެވެސް އެއްޗެކޭ ބުނެބަލަ............. ކީއްވެތަ ވާހަކަ ނުދައްކާ ތި ހުންނަނީ.......... އަހަރެން ދެކެ ފޫހިވިޔަސް އަހަރެން ކުރާ ސުވާލަށް ޖަވާބު ދޭން އެންމެ ރަނގަޅެއްނު.......... ތިހެން އެއްޗެއް ނުބުނެ ހުރީމަ އަހަރެން ވާނެ ދެރަ އެނގޭތަ................'' ޒާރާއަށް ވާހަކަދެއްކުނީ ނުހަނު ބާރަށެވެ. ވާނީވެސް އެހެންނެވެ. ޒާރާ ތަހައްމަލު ކުރަމުންދާ ކަންތައްތަކުގެ ސަބަބުން އޭނާ ވަނީ މޮޔަވާން ކައިރިވެފައެވެ. އެކަނިމާއެކަނި ވިސްނާ ވިސްނާ އޭނާ ބޯގޮވައިފިއެވެ. އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރަން ކުރި މަސައްކަތް ބޭކާރު ވެ އެންމެ ފަހުން ރުޅި އާދެވުނެވެ.
އަލަމާރިއާ ދިމާއަށް ޒާރާ ދުއްވައިގަތެވެ. ދޮރުފަތްތައް ހުޅުވާލުމަށްފަހު އަލަމާރި ތެރެއިން ކުޑަވަރެއްގެ ދަބަހެއް ނެގިއެވެ. ދަބަސް ބިންމައްޗަށް ވައްޓާލުމަށްފަހު އަވަސް އަވަހާ ހެދުންތައް ހާވަން ފެށިއެވެ. ދެތިން ހެދުންނަގާ ތަޅުން މަތީގައި އޮތް ދަބަސްތެރެއަށް ހެދުންތައް ކޮއްޕާލިއެވެ.
އިމްރާނު ހުރީ ޒާރާގެ ހަރަކާތްތަކަށް ބަލާށެވެ. އެހުރިހާ ކަމެއް ޒާރާ ކުރި އިރުވެއް އޭނާ ހަމަ އެހުރިތަނުގައި ހުރީއެވެ. ޒާރާ ކުރާ ކަމަކާ އަޅާނުލި ތާނގައި، އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކުރެއެވެ. ޒާރާ ދެލޯ ބޮޑުކޮއްގެން އިމްރާނާ ދިމާއަށް ބަލަން ހުއްޓެވެ. ދެން ހޭދަވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
ޒާރާ ހީކުރީ އިމްރާނު ކޮންމެވެއް އެއްޗެކޭ ބުނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ޒާރާއަށް ކުރެވުނު ކުށް ހީ އެކެވެ. އިމްރާންގެ އަނަގައިން އެންމެ ލަފުޒެއްވެސް ބޭރުކުރަން ބޭނުންވާ ހެނެއް ހިޔެއް ނުވެއެވެ. އެ ހަމަހިމޭން ކަމުގައި ޒާރާއަށް މާ ގިނައިރު ކެތެއް ނުކުރެވުނެވެ. ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ޒާރާ އައިސް ހުއްޓުނީ އިމްރާން ކުރިމަތީގައެވެ. އައިސްފައިހުރި ރުޅިއާއި ވެފައި ހުރި ދެރައިގެ ސަބަބުން އޭނާ އޭރު ތުރުތުރު އަޅައެވެ.
''އިމްރާން........ތި ހަމަހިމޭން ކަމުގެ މާނައަކީ ކޮބާ؟..........ތީ ހަމަ ގަސްދުގަ ................އަހަރެން ދެރަކުރަން ތިހެން ތި ހަދަނީ........... އެންމެ ރަނގަޅު ........... އަހަރެން ވަރި..............'' ޒާރާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އިމްރާނު އަތުން ޒާރާގެ އަނގަމަތީގައި އަތް އެޅިއެވެ. ޒާރާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮއްގެން އޭނާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ.
''ޒާރާ......... އަހަރެން ޒާރާ ވަރިއެއް ނުކުރާނަން............. ޒާރާ އެކަމަށް ނޭދޭހާ ހިނދަކު.......... ދުވަހަކުވެސް އަހަރެން ޒާރާ ވަރިއެއް ނުކުރާނަން...............'' އިމްރާނު ޒާރާގެ ލޮލަށް ބަލާލަމުން މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.
އެއް އަތުން ޒާރާގެ އަތުގައި އިމްރާން ހިފާލިއެވެ. އަނެއް އަތް ޒާރާގެ އުނަގަނޑުގައި އަޅުވާލުމަށްފަހު މަޑުމަޑުން އޭނާގެ ގާތަށް ޒާރާ ދަމާލިއެވެ. ގަޔާ ކައިރިކޮއްލިއެވެ. އިމްރާނުގެ ހިތުގެ އަޑު ޒާރާއަށް އިވޭހާ ގާތަށެވެ.
''ޒާރާ........... އަހަރެން ޒާރާ ދެކެ ލޯބިވަނީ ހިތާ ފުރާނައިން........... މި އަތުގައި އަހަރެން ހިފީ ދުވަހަކުވެސް ދޫކޮއްނުލުމަށް އަހަރެންގެ އަމިއްލަ ނަފުސަށް ވަޢުދުވަމުން............ ޒާރާ އާ ކައިވެނި ކުރީ އުމުރަށް އެކީގައި އުޅެން........... ޒާރާގެ ލޯބި ހާސިލް ކުރަން އަހަރެން ކުރި މަސައްކަތް އެއީ ތޯތޯ ކަމެއް ނޫން ޒާރާ.............'' ޒާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އިމްރާން ޒާރާގެ ލޮލަށް ބަލާލިއެވެ. އެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އިމްރާނުގެ އިނގިލިން ފޮހެލާދިނެވެ.
އިމްރާނުގެ އޯގާތެރިކަމާ ލޯބި ޒާރާ ޖަޒުބާޒުގައި ޖައްސައިފިއެވެ. އިމްރާނުގެ މޭގައި ބޮޑިވެލަމުން ޒާރާއަށް ގިސްލާ ރޮއިގަނެވުނެވެ. އެތައް ދުވަހަކުއްސުރެ އޭނާ އިންތިޒާރު ކުރަމުން އައީ އެ ފުރުސަތަށެވެ. އިމްރާނުގެ މޭގައި ބޮނޑިވެލައިގެން ހުރެ ރޯލުމަށް ހިތް އެދިގޮވާތާ ކިތަންމެ ދުވަހެކެވެ.
ހިތް ފުރެންދެން ރޯލުމަށްފަހު ޒާރާ ހަމައަކަށް އެޅުނެވެ. މަޑުމަޑުން ގިސްލުމުގެ އަޑު މަޑުވަމުން ގޮސް އަޑު ކެނޑުނެވެ. އެ ހުރިހާ އިރެއް ވީ އިރުވެސް އިމްރާން ހަމަ އެ ހުރިގޮތަށް ހުއްޓެވެ. ޒާރާއަށް އެ ފުރުސަތު ދިނުމަކީ މިވަގުތަށް އެންމެ ރަނގަޅުވާނެ ގޮތަ ކަމުގައި އޭނާއަށް ގަބޫލު ކުރެވޭތީއެވެ.
''ޒާރާ......... ހިނގާ އިށީންނަން..........'' ޒާރާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އިމްރާނު ހިނގައިގަތީ ސޯފާ އާ ދިމާލަށެވެ. ބަސް އަހާ ކުޑަކުއްޖަކު ފަދައިން އިސްޖަހާލައިގެން ހުރެ އިމްރާނާ އެކުގައި ޒާރާ ހިނގައިގަތެވެ. ސޯފާގައި އިށީނުމަށް ފަހުގައި ނޭފަތް އެތެރެއަށް ދަމަމުން ދުޅަވެފައިވާ ދެލޯ ފޮހެލިއެވެ.
ޒާރާ ސޯފާގައި ބޭންދުމަށްފަހު އިމްރާނު މޭޒުމަތީގައި ހުރި ޓިޝޫ ޕެކެޓް ޒާރާގެ އަތަށް ދިއްކޮއްލިއެވެ. ތުރުތުރު އަޅާ އިނގިލިތަކުން އޭގައި ހިފުމަށްފަހު ޒާރާ ސޯފާގައި ހަމަޖެހިލިއެވެ. އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިއްޖެއެވެ. ސިނކުޑިއަށް ފުނިޖެހިފައިވާ އުދާސްތަކަށް ވެސް ލުޔެއް ލިބިއްޖެއެވެ. އެހެން ނަމަވެސް އެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހިކި ކުރަކި ވެފައިވާ ތުންފަތުގައި އެއްވެސް ދިރުމެއް ނެތެވެ. ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވާ ދެލޮލުގެ ދިގު އެސްފިޔަތަކުގައި އަދިވެސް ވަނީ ކަރުނައިގެ އަސަރެވެ.
''ޒާރާ.......... އަހަރެން ވަރަށް ވިސްނައިފިން......... އަމިއްލަ ސިނކުޑިން އެކަނި ވިސްނައިގެން ފިޔަވަޅު އެޅޭވަރަށްވުރެ ބޮޑު ކަމެއް މީ........... އެހެންވެ އަހަރެން، ......... އަހަރެންގެ ލޯޔަރުންނާ މަޝްވަރާ ކޮއްލަން ބޭރަށް ނިކުމެލީ.............. އެއްވެސް ކަމެއް މާ އަވަސް އަރައިގަނެގެން ކުރީމަ އޭގެން ނިކުންނަންވާ އެންމެ ރަނގަޅު ނަތީޖާ ނުފެންނާނެ...........'' ޒާރާގެ ފިނިވެފައިވާ ތުނިތުނި އަތްތިލައިގާ ހިފާލަމުން އިމްރާނު ވާހަކަ ދެއްކިއެވެ. ނުހަނު އޯގާތެރިކަމާ މަޑުމައިތިރި ކަމާއެކުގައެވެ.
''ދެން ........... އަހަރެން ހީކުރީ އިމްރާނު ދިޔައީ ރިޕޯޓް ކުރަން ކަމަށް.............'' ޒާރާ އިސްއުފުލާލަމުން އިމްރާނާ ހަތަރުކަޅި ހަމަކޮއްލިއެވެ.
''އެކަންވެސް އަދި ކުރާނަން......... އަހަރެންގެ ލޯބިވާ އަނބިމީހާގެ ނަމަށް ހުތުރު އަރާނެ އެއްވެސް ކަމެއް އަހަރެން ކުރަން ބޭނުން ނުވާތީ ލޯޔަރާ ވާހަކަދަންކަން ދިޔައީވެސް............. ޒާރާގެ ނަމާ އަބުރަށް ހުތުރެއް ނާރާ އެކަން ނިމޭނެ ގޮތެއް ބަލަން އަހަރެން ބޭނުންވީ...........'' އިމްރާން އޮޅުންފިލުވައި ދިނެވެ.
ޒާރާ އިނީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ވާނީ ވެސް އެހެންނޫންހެއްޔެވެ. އެފަދަ ހާލަތެއްގައި ޒާރާއާ ދޭތެރޭ އިމްރާން އެވަރަށް ވިސްނާނެ ކަމަށް ޒާރާއަށް ގަބޫލު ކުރެވިފައެއް ނެތެވެ. އިމްރާނު ކިހާ ރަނގަޅު ހެއްޔެވެ. އެއީ މަދުން ނޫނީ އަންހެނަކަށް ނުލިބޭނެ ފަދަ މާތް ފިރިހެނެކެވެ. ކަންކަމުގެ މައްޗަށް ވިސްނުން އިސްކުރާ ބުއްދިވެރިއެކެވެ. އަނބިމީހާގެ ޙައްޤުތައް އެނގޭ، އަނބިމީހާއަށް އިޙްތިރާމާ ޤަދަރު ކުރާ އޯގާތެރި ފިރިހެނެކެވެ. ޒާރާގެ ހިތުގައި އިމްރާނަށްޓަކައި އުފެދި މޫލާ ކުރިފަޅަމުންދިޔަ ލޯބި އިތުރަށް ކުރިލައި ހެދިގަތެވެ. މަޑުމަޑުން އިމްރާނުގެ ކޮޑުގައި ޒާރާ ބޯއަޅާލިއެވެ. ލޯމަރާލެވުނީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.
--------------------------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 04 މެއި، ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް