ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާން އޭނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުކުޅުތަކައި ސިފަތަކީ ގިނަބައެއްގެ ސަމާލުކަން ލިބޭ، ތައުރީފު ކުރާ ކަންކަމެކެވެ.
ތައިމޫރު އެންމެ ކުޑައިރުންސުރެ ކަރީނާ ދަނީ އެ ކުއްޖާ އަކީ މަޝްހޫރު މީހެއްކަން ބުނެދީ މީހުންނާއި އަދި މީޑިއާ އާއި މުއާމަލާތް ކުރާނެ ގޮތް ބުނެދެމުންނެވެ. ތަފާތު މަސައްކަތް ކުރާނެ ގޮތާއި ކިޔެވުމުގައި ތައިމޫރަށް ފަސޭހަގޮތްތައް ބުނެދީ ތަފާތު ކަންކަމަށް ހޭލުންތެރި ކުރުވައެވެ.
ކޮރޯނާ ވައިރަސް ފެތުރު ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމަށް އިންޑިއާވެފައިވާއިރު މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ހޭލުންތެރިކަން އިތުރު ކުރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ހާލުގައި ޖެހިފައިވާ އިންޑިއާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކަރީނާގެ މިފަހަރުގެ މަސައްކަތަކަށްވީ ކޯވިޑް-19ގެ ސީރިއަސް ކަމާއި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން ތައިމޫރަށް ބުނެދިނުމެވެ. އޭނާ އިންސްޓްގަރާމް ޕޭޖުގައި ހިއްސާކޮށްފައިވާ މަޝްހޫރު ކާޓޫން "ޓޮމް އެންޑް ޖެރީ" ގެ ވީޑިއޯ ކްލިޕެއް ވަނީ ލިޔުންތަކެއް ލިޔެ އެޑިޓްކޮށްފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ޓޮމް ބަޑިއެއް ހިފައިގެން ޖެރީއާ ދިމާލަށް ދިއްކުރާތަނެވެ. އެ ބަޑި ސިފަކޮށްފައިވަނީ ކޮރޯނާ ވައިރަސްގެ ގޮތުގައި އެވެ. ބަޑި ދިއްކޮށްލުމާއި އެކު ޖެރީގެ ދިފާއީ ނިޒާމު ކޮންމެސް ވަރަކަށް ވަރުގަދަވެފަ ވައިރަހާއި ހަނގުރާމަ ކުރެވޭނެ ކަން ދައްކާލުމުގެ ގޮތުން ފަހަތުން ކުޑަކޮށް ހުންނަ ޖެރީއަށްވުރެ ބޮޑު ޖެރީއެއް ފެނެ އެވެ. އެއީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ޖެރީ ކަމަށް ދައްކަ އެވެ.
އަދި ދެވަނަ ފަހަރު ޓޮމް ބަޑި ދިއްކޮށްލުމުން އެއަށްވުރެ ބޮޑު ޖެރީއެއް ދެވަނަ ޑޯޒު ޖަހާފައިވާ ޖެރީގެ ގޮތުގައި ފެނިގެންދެ އެވެ.
https://www.instagram.com/p/COPrVA6pV2M/?utm_source=ig_embed&utm_campaign=embed_video_watch_again
ކަރީނާ ވަނީ ހުރިހާ އެންމެންވެސް ކޯވިޑް ވެކްސިން ޖެހުމަށް އެދިފަ އެވެ. ވެކްސިން ނުޖެހިގެން ހާސްވެގެން ނޫޅުމަށާއި އިންޑިއާގެ ހާލަތު މިހާރު އޮތް ގޮތުން އެމީހަށް ވެކްސިން ޖެހޭނެކަން ޔަގީންވާ ދުވަހާއި ޖެހެންދެން ކެތްތެރިކަމާއި އެކު ތިބުމަށް އިލްތިމާސްކޮށްފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް