ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ ބައްޕަ ރަންދީރު ކަޕޫރު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އޭނާއަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އިއްޔެ އެވެ. ބައްޔަށް ޕޮސިޓިވްކަން އެނގުމާއި އެކު އިތުރު ފަރުވާއަށް އޭނާ ވަނީ އިންޑިއާގެ މުމްބާއީގެ ކޮކިލަބެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
އޭނާއަށް ފަރުވާ ދެމުންދާ ޑޮކްޓަރު މީޑިއާގައި ބުނެފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ނަމަވެސް ރަންދީރުގެ ހާލު ސީރިއަސް ނޫން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.
ރަންދީރަށް ކޯވިޑް ޖެހުމުން އާއިލާ ނުތަވަސް ކަމެއްގެ ތެރޭގައި ތިބި އިރު މިއަހަރާއި މިދިޔަ އަހަރަކީ އެ އާއިލާއަށް ވަރަށް ހިތާމަވެރި އަހަރުތަކެކެވެ. ރަންދީރުގެ ދެ ކޮއްކޮ ކަމަށްވާ ރިޝީ ކަޕޫރު މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އިރު ރަޖީވް ކަޕޫރު ހާޓް އެޓޭކެއްއެއް ޖެހިގެން މަރުވެފައިވަނީ މިއަހަރުގެ ފެބްރުއަރީގައި އެވެ،
އުމުރުން 72 އަހަރުގެ ރަންދީރު އެންމެ ފަހުން އާންމުންނަށް ފެނުނީ އަންހެނުން ބަބިތާގެ އުފަންދުވަސް ފާހަގަ ކުރުމަށް ކަރީނާ ގޭގައި ބޭއްވި ހަފްލާތަކުގައި ނަގާފައިވާ ފޮޓޯތަކުންނެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
އިންޑިއާގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ގިނަ ފިލްމީ ތަރިން ދަނީ ކޯވިޑަށް ޕޮސިޓިވް ވަމުންނެވެ. އަދި ކޯވިޑާއި ހެދި ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ މަސައްކަތް ވަނީ ހުއްޓާލަން ޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް