ކޯވިޑް-19 ޖެހިގެން ރޭ ރާއްޖޭގައި ފުރަތަމަ މަރުވީ މީހާ ކޯވިޑަށް ޓެސްޓު ކުރުން ލަސްވި ކަމަށް ގަބޫލު ކުރާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ރޭ މަރުވެފައިވަނީ އެމްއެޗްއޭގެ ކްލަސްޓައެއް ކަމަށްވާ126 ވަނަ ކޭސް އާއި ޑައިރެކްޓު ކޮންޓެކްޓުވި ފަރާތެއް ކަމަށްވާ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުން އާމިނަތު އާދަމް އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ126 ވަނަ ކްލަސްޓާ އާއި ރޭ މަރުވި280 ވަނަ ކްލަސްޓާ އާއި ދިމާވެފައިވަނީ މިމަހުގެ14 ވަނަ ދުވަހު މަރުވި މީހާ އުޅުނު ގެއަށް ދިޔުމުން ކަމަށެވެ.126 ވަނަ ކްލަސްޓާ ބައްޔަށް ޕޮސިޓިވްވެފައިވަނީ މިމަހުގެ24 ވަނަ ދުވަހު އެވެ.
މަބްރޫކް ވިދާޅުވީ އެ ދެމީހުން ސީދާ ބައްދަލުވެފައިވާކަން އެނގުނީ25 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އޭނާގެ ސާމްޕަލް ނެގިފައިވަނީ27 ވަނަ ދުވަހުގެ ރޭ ދަންވަރު3:30 ހާއިރު ކަމަށެވެ.
އޭނާ މަރުވީ އިއްޔެ އިރުއޮއްސި ހަތެއް ޖަހާކަށް ހާއިރު އެވެ. އޭރު ޓެސްޓުގެ ނަތީޖާއެއް ނުލިބެ އެވެ.
އޭނާ ވިދާޅުވީ ސީދާ ބައްދަލުވެފައިވާ މީހަށްވެފައި އަދި އެމީހާ އަކީ އުމުރުން ދުވަސްވީ މީހެއް ކަމާއި ދިގު މުއްދަތަކަށް ބޭސް ކުރަމުންދާ މީހަކަށް ވާއިރު ޓެސްޓު ކުރުން ލަސް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭގޮތުން ތަފްސީލް ކޮށް އެއްޗެއް ވިދާޅުވާނީ ހެލްތް މިނިސްޓްރީން އެ މައްސަލައިގަ ކުރަމުންދާ އެތެރޭގެ ތަހުގީގުތައް ނިމުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހާއަށް ނޭވާލާން އުނދަގޫވެގެން ރިޕޯޓު ކުރީ29 ވަނަ ދުވަހުގެ އިރުއޮއްސި 6:15 ހާއިރު ކަމަށެވެ. އަދި އައިޖީއެމްއެޗުގެ އެމްބިއުލާންސް އެގެއަށް ގޮސް އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށެވެ.
އޭގެ ކުރިން އެ ދުވަހުގެ3:30 ހާއިރު އާއިލާއިން އެޗްޕީއޭއަށް ގުޅީ ޓެސްޓުގެ ނަތީޖާ ހޯދަން ކަމަށާއި އެ ކޯލްގައި އެމީހާގެ ހާލު ގޯސް ނޫންކަމަށާއި ނޭވާލުން ރަނގަޅު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ. އެ ކޯލްގެ ރެކޯޑިން އޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެމީހާ މަރުވުމުން އާއިލާއިން ވަނީ އެޗްޕީއޭއިން މޮނިޓަރިންގައި ހުންނަ ގޭގެއަށް ދޭންވާ ސަމާލުކަން އެދޭގޮތުގައި ނުދޭކަމުގެ ތުހުމަތުކޮށްފައި އެވެ. އަދި މަރުވި މީހާ ބަލިވެގެން އެ ދުވަހުގެ ހެނދުނު އެންގިކަމަށް އާއިލާއިން ބުނެ އެވެ.
ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވި އިރު އޭނާގެ ފިރިކަލުން ހުސައިން އަބްދުﷲ އަށްވެސް ވަނީ ވައިރަސް ޖެހިފަ އެވެ. އޭނާއަށް ޑީއެޗް11 ގައި ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ކަމަށް އެންއީއޯސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް