ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ޑޮކްޓަރުންނާއި ކައިރިން ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 އަށް ގެންދަން ޖެހޭ މީހުން އިތުރުވާން ފަށައިފި އެވެ.
މިދިޔަ މަހު ރާއްޖެއިން ފުރަތަމަ ކޯވިޑް ފެނުނު ފަހުން މާލޭގައި ބަލި ފެތުރެން ފެށުމާއި ހަމައަށް ސީރިއަސް ވެގެން ޑިއެޗް11 ގައި ފަރުވާ ދީފައިވަނީ އެންމެ މީހަކަށެވެ. އެމީހާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ.
މާލެއިން ކޯވިޑް ފެނުނުތާ ދެ ހަފްތާ އިއްޔެ ވީއިރު މިހާރު އެ ތަނުގައި ހަ މީހަކަށްް ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ޑިއެޗް11 ގައި މިވަގުތު ތިބީ ފަސް ފިރިހެނުންނާއި އަންހެނަކު ކަމަށެވެ. އެމީހުންގެ ތެރެއިން ދެމީހަކަށް މިއަދު އޮކްސިޖަން ދޭން ފަށަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ވިދާޅުވި އެވެ. މީގެ ތެރޭގައި ބިދޭސީ ފިރިހެނަކު ހިމެނެ އެވެ.
ޑިއެޗް11 އަށް ފަރުވާ ދޭން ގެންދަނީ އައިސޮލޭޝަން ފެސިލިޓީގައި ބާއްވައިގެން ފަރުވާ ނުދެވޭވަރަށް ބަލި މީހުންނާއި، ޑޮކްޓަރުންނާއި ވީހާވެސް ކައިރިން އަވަސް ފަރުވާ ބޭނުންވާނެ މީހުން ކަމަށްވާ އުމުރުން ދުވަސްވީ މީހަކަށް ބަލި ޖެހިއްޖެ ނަމަ އެވެ.
މިހާތަނަށް ރާއްޖެއިން396 މީހަކަށް ކޯވިޑް ޖެހިފައިވާ އިރު އާންމުކޮށް އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް