ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓަށް އަރައި ފޭބުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
ކުރެއްދޫން ކޯވިޑަށް މީހަކު ޕޮސޓިވްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދީފައިމިވަނީ55 ދުވަސް ފަހުންނެވެ.
ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ކުރެއްދޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ރިސޯޓު ބަންދުކުރި ކަންކަން ފުރިހަމަ ވެފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ރިސޯޓަށް މީހުން އަރައިފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީ ޓޫރިސްޓެއްގެ ގައިން ރިސޯޓުގެ ފަސް ބިދޭސީ މުވައްޒަފަކަށް ވައިރަސް ޖެހިފައި ވެއެވެ. މި އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
އެކަމަކު އެޗްޕީއޭއިން ނިންމީ އެންމެ ފަހު ޓޫރިސްޓު ދާ ފަހުން ކަރަންޓިން މުއްދަތު ފުރިހަމަ ކުރުމަށް ފަހު އެ ރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރާށެވެ. އެގޮތުން މި ހަފްތާ ތެރޭގައި އެޗްޕީއޭއިން ވަނީ އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް ނަތީޖާ ލިބުނު173 މުވައްޒަފެއްގެ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެ ރިސޯޓުގައި600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް