ކޯވިޑް-19 އާންމުންގެ މެދުގައި ހަލުވިކާމާއެކު ފެތުރެމުންދާއިރު އެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ އެއް ބަޔަކީ ދިވެހި ސިފައިންނެވެ.
ސިފައިންގެ ތެރެއިން މިހާތަނަށް20 މީހަކު ކޯވިޑަށް ޕޮސިޓިވްވެ ފަރުވާ ހޯދަމުން އެބަދެ އެވެ. ހާލު ސީރިއަސްއެއް ނޫނެވެ. އެކަމަކު މިއީ ފްރޮންޓްލައިން މަސައްކަތް ކުރާ ބަޔަކު ހިތްވަރު އެލި މާޔޫސްވާ ވަރުގެ ހިތްދަތި ދަނޑިވަޅެކެވެ.
އެކަމަކު ދިވެހި ސިފައިން ބަލި ޖެހިދާނެ ކަމަށް ނުބަލައި ޖެހިލުމެއްނެތި ފުރާނަ އަތް މައްޗަށް ލައިގެން ރައްޔިތުންނަށްޓަކައި ވަމުންދާ ގުރުބާނީ ހިތުގެ އަޑިން ގަބޫލު ކުރާ ކޮންމެ މީހަކަށް ރޮވޭނެ އެވެ. އެމީހުން ރައްޔިތުންނަށްޓަކައި ވާ ގުރުބާނީ ފެންނާނީ މިފަދަ ދަނޑިވަޅެއްގައި އެވެ.
އަންހެނެއް ފިރިހެނެއް ނެތެވެ. ބުރަ މަސައްކަތް ކުރުމުގައި ސިފައިން އަވަދިނެތި އެ އުޅެނީ އާއިލާ އާއި އަނބިދަރިންނާއި މައިންބަފައިން ކައިރިޔަށް ނުގޮހެވެ. މި ބަލިން އާންމުން ރައްކާތެރިކުރުމަށް ގޭގައި ބައިތިއްބައިގެން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އެބަ ކުރެ އެވެ.
ކަރަންޓީން ފެސިލިޓީ ހަދަން އިސްކޮށް އުޅެނީ ސިފައިންނެވެ. ގޭގެއަށް ތަކެތި ޑެލިވަރީ ކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއްތަނުން އަނެއް ތަނަށް އުފުލަނީ ސިފައިންނެވެ. ކޯވިޑަށް ޕޮސިޓިވްވާ މީހުންނާއި ކަރަންޓީން ފެސިލިޓީތަކަށް މީހުން އުފުލަނީ ސިފައިން ނެވެ.
ރެއަކީ ސިފައިންނަށް އެޗްޕީއޭގެ ފަރާތުން ހާސްކަން އިތުރުވާ ކަހަލަ މެސެޖެއް ދިން ރެއެކެވެ. ޕޮސިޓިވްވި20 ސިފައިންނާއި ގުޅުން ހުރި މީހުން ގިނަވެ އިތުރު ސިފައިން ބައްޔަށް ޕޮސިޓިވްވެދާނެ ކަން ހާމަކުރި އެވެ. އަދި ޕޮސިޓިވްވި ސިފައިންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި ދެނެގަނެވިފައިވާ ގިނަ މީހުންނަކީ އެކުގައި މަސައްކަތް ކުރާ ސިފައިންނަށް ވާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.
އެކަމަކު ފަހަތަށް ޖެހުމެއް ނެތެވެ. ސިފައިން ދިޔައީ ގައުމީ ހިދުމަތުގައި ކުރިޔަށެވެ. ރެއަކީ މި ބަލީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވި ރެ އެވެ. މަރުވެފައިވަނީ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުން އާމިނަތު އާދަމް އެވެ.
ނުރައްކާތެރި މި ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ޒިންމާވެސް އޮތީ ސިފައިންނާއި ހަވާލު ކުރެވިފައި އެވެ. އެކަމަށް ދެ ޖިންސުގެ ވަކި ސިފައިންތަކެއް އިސްލާމިކް މިނިސްޓްރީން ތިބީ ތަމްރީން ކޮށްފައި އެވެ.
ބަލި ޖެހިދާނެ ކަމަށް ފަސް ޖެހުމެއްނެތި ކަށުކަމާކެމީގެ ކަންތައްތައް ކުރީ ހިތްވަރުގަދަ އަންހެން ސިފައިންނެވެ. މިކަން ސިފައިންގެ އިސްވެރިން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.
https://twitter.com/MariyaDidi/status/1255701915104686081
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިފައިންގެ ކާނަލް ހުސައިން އަލީ ވިދާޅުވީ ކޯވިޑް-19 ގެ މިދަނޑިވަޅު ފްރޮންޓްލައިނަށް ނުކުތްއިރު މިއީ ކުރިމަތިވާނެ ހާލަތެއްކަން އެނގޭ ކަމަށެވެ. އަދި ސިފައިންނާއި ލީޑާޝިޕް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ސިފައިންގެ އިތުރުން ފުލުހުން ދައްކަމުންދާ ހިތްވަރަށް ދިވެހި ހުރިހާ ރައްޔިތުން ޝުކުރުވެރިވެ އެވެ. އެތައް ބަޔަކު ޝުކުރުވެރިކަމާއި އެކު އެކަން ހާމަ ކުރަމުންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް