ނުރައްކާތެރި ކޯވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވީ83 އަހަރުގެ އާމިނަތު އާދަމް އެވެ. އެއީ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުންނެވެ.
ދެމަފިރިންގެއާއިލާ މީހަކު (ކޭސް126) ޕޮސިޓިވް ވުމުން އާއިލާ ދިރިއުޅެމުންދިޔަ ގެ ހުރީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެ ގޭގައި އެކި އުމުރުގެ މީހުން އުޅެމުންދިޔަ ކަމާއި އެންމެންގެ ބަލި ހާލަތަށް ބަދަލު އަންނަމުން ދިޔަކަން އެނގެނީ އެމީހާ މަރުވިކަން ސޯޝަލް މީޑިއާގައި ހާމަކުރި ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ވާހަކައިންނެވެ.
އޭނާ ބުނެފައިވާ ގޮތުގައި މިމަހުގެ24 ވަނަ ދުވަހު އެގޭގައި އުޅުނު އޭނާގެ ކޮއްކޮ ބަލިވެގެން އެހީތެރިކަމަށް އެދި އެޗްޕީއޭއަށް ގުޅި ކަމަށެވެ. އެކަމަކު އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޕީއޭއިން ދިޔައީ އެއް ދުވަސް ފަހުން ކަމަށް ބުނެފައިވެ އެވެ. އޭގެ ކުރިން ފޯނުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައި ވީނަމަވެސް އެ ކުއްޖާގެ ހާލަތަށް ބަދަލެއް ނާންނާތީ އިތުރަށް ބަލައިދިނުމަށް އޭނާ އެދިފައިވަނީ ގެއަށް ސިއްހީ އެހީތެރިންް ފޮނުވައި ދިނުމަށެވެ.
އެ އާއިލާގެ މީހަކު ބުނެފައިވާގޮތުގައި ޕޮސިޓިވްވި މީހާ އާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ހުސައިން އަބްދުﷲ ހުންނެވީ ކަރަންޓީން ފެސިލިޓީގައި އެވެ. އެ ދެމަފިރިންނަކީ އުމުރުން ދުވަސްވެފައި ތިބި ދެމަފިރިންނަށް ވާތީ ވައިރަހަށް ޓެސްޓުކޮށް ދިނީ އެކަމަށް އެދުނުތާ ހަތަރުވަރަކަށް ދުވަސް ފަހުންނެވެ.
ޓެސްޓުކޮށްދިނީ28 ވަނަ ދުވަހުގެ ރޭ ކަމަށް ބުނެފައިވެ އެވެ. އޭނާ މަރުވީ29 ވަނަ ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ. ހުސައިން އަބްދުﷲގެ ޓެސްޓުގެ ނަތީޖާ އަދި ނޭނގެ އެވެ.
އާއިލާއިން ބުނީ އިއްޔެ ހެނދުނު އާމިނަތު އާދަމްގެ ހާލު ދެރަވާތީ އެޗްޕީއޭއަށް އެކަން އެންގި ކަމަށެވެ. އަދި ހަވީރު ނޭވާލާން އުނދަގޫވާން ފެށުމުން އަނެއްކާވެސް އެތައް ފަހަރަކު ގުޅައިގެން އެމީހާ ހޮސްޕިޓަލަށް ގެންދިޔުމަށް ދިޔައީ އިރު އޮއްސެނިކޮށް ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި އެވެ. މި ހާދިސާ އާއި ގުޅިގެން މާ ގިނަ ވާހަކަތަކެއް އާއިލާއިން މައިގަނޑު ގޮތެއްގައި ދައްކާފައެއް ނުވެ އެވެ. އެކަމަކު ސާފުވާ އެއްކަމެއް އެބައޮތެވެ. ކޮންމެސް ހިސާބަކުން އެޗްޕީއޭއަށް އެ އާއިލާއަށް ދޭންވާ ސަމާލުކަން ދެވިފައި ނުވާކަމެވެ.
އާއިލާއިން އެޗްޕީއޭގެ ގާބިލް ކަމާއި މެދު ސުވާލެއް ނުއުފައްދައެވެ. ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތައް ބޭނުންވާ ވަރަށް ނެތްކަން ގަބޫލު ކުރެ އެވެ. އެމީހުންގެ ޝަކުވާއަކީ މޮނިޓަރިންއަށް ލާފައިވާ ގެއަކަށް ލިބެންވާ ސަމާލުކަމާއި އަޅާލުން ލިބިފައި ނެތުމެވެ. ސިއްހީ އެހީތެރިކަމަށް އެދުމުން އެކަމަށް އިޖާބަދީ އަވަހަށް ހިދުމަތް ދިނުމަށް މަސައްކަތް ނުކުރުމެވެ.
އާއިލާއިން އެދިފައިވަނީ ކަރަންޓީންގައި ކުރި އެމީހުންގެ ބޮޑުބޭބެ ހުސައިން އަބްދުﷲ ގެ ހާލު ވީހާ ފަސޭހައިން އެމީހުންނަށް ލިބޭނެ ގޮތް ހަދައިދިނުމެވެ.
އާއިލާއިން މި ދެއްކި ވާހަކަތަކަކީ ހެލްތް މިނިސްޓްރީން ސީރިއަސްކޮށް ބަލަން ޖެހޭ ކަންކަމެވެ. މިފަދަ ހާލަތެއްގައި ޝައްކު ކުރެވޭ ނުވަތަ ބައްޔަށް ޕޮސިޓިވްވެފައިވާ އާއިލާއަކަށް ސިއްހީ އެހީތެރިންގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.
މި ޝަކުވާތަކާއި ގުޅިގެން ރޭ އެމީހާ މަރުވިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެމިހާއަށް ފަރުވާ ދިނުމުގައި ބައެއްގެ އިހުމާލުވޭތޯ ބަލާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ފަހުން ދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް