ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ރާވަމުން ދަނިކޮށް އެކަން ހުއްޓުވައިފި އެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގޮޅިތަކެއް ބަލާ ފާސްކޮށް ހަމަލާ ދޭން ރާވަމުންދާ ކަމުގެ ހެކިތަކެއް ފުލުހުން ހޯދާފައިވެ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހުން ޖަލުގައި ތިބިގެން ހަމަލާ ދޭން ރޭވީ ބޭރުގެ ޖަމާއަތަކާއި ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮންބައެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ރިޔާޒު ވިދާޅުވީ ގޮޅިތައް ބަލާ ފާސްކުރި އިރު ފަސް މޯބައިލް ފޯނާއި، މޯބައިލް ފޯނާ ގުޅުންހުރި އެހެނިގެން އާލާތްތައް ފެނުނު ކަމަށެވެ. އަދި ހަރުކަށި ފިކުރު ފެތުރުމާ ގުޅޭ ބައެއް ފޮތްތައް ވެސް ފެނިފައިވާ ކަމަށާއި ޖަލުގައި ތިބެގެން މިފަދަ ހަމަލާތައް ރާވަނީ އެފަދަ ކުށްކުށުގައި ޖަލަށް ލާފައި ތިބި މީހުން ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ހަމަލާއެއްދޭން އުޅުނު ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮންކަހަލަ ހަމަލާއެއް ކަމެއް އަދި ހަމަލާ ދޭން އުޅުނީ ކޮންތަނަކަށް ކަމެއް ރިޔާޒު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މައްސަލައިގެ ބާވަތުން އެ ތަފްސީލް ދެވެން ނެތް ކަމަށެވެ.
މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސަރުކާރުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އެކި ގޮތްގޮތުން ހަމަލާ ދެމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް