އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗުތަކެއްގައި އަލިފާން ރޯކޮށްލީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ތަހުގީގަށް އެނގުނަސް އެމީހުން އެކަން ހިންގީ ބޭރުގެ ޖަމާއަތާއި ގުޅިގެން ކަން މިހާތަނަށް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް އެ މައްސަލައިގަ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ކަމަކު އެ މައްސަލައިގެ ތުހުމަތަށް ފަސް މީހެއްގެ ގެ ބަލާ ފާސްކޮށްފައިވާ ކަމަށާއި އެމީހުންގެ ގޭގެއިން މިކަން ކުރިކަމަށް ޝައްކު ކުރެވޭ ޑިޖިޓަލް ހެކި ލިބިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ އިންވެސްޓިގޭޓިވް ޖަމްއިއްޔާއަކުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މަހިބަދޫ ލޯންޗްތަކުގައި އަލިފާން ރޯކޮށްލި ހާދިސާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތް، އައިއެސްއިން ވަނީ ނަގައިފަ އެވެ.
ރިޔާޒު ވިދާޅުވީ އައިސް ޖަމާއަތުގެ ބަޔަކު ހިންގާފައިވާ އަމަލެއް ކަމަށް ބުނެވޭވަރަށް ހެކި ހޯދިފައި ނުވާކަމަށެވެ. އެކަމަކު މިދިޔަ އަހަރު ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ފެށި މަސައްކަތާއި ގުޅިގެން ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެ ލޯންޗުތަކުގައި ރޯކޮށްލާފައިވަނީ އެ ރަށު ބައެއް ނޫންކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކުޑަ ޑިންގީއެއްގައި މަހިބަދޫއަށް ގޮސް ތޮށިގަނޑު މައްޗައް އަރައިގެން ކުދި ފުޅިތަކަކަށް ޕެޓްރޯލް އަޅައިގެން ލޯންޗުތަކަށް އުކައިގެން ކަމަށެވެ. އެކަމަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި އެ ސަރަައްދު މޫދުން އޭގެ ފުޅިއެއް ލޯންޗުތަކުން ބޭރުގައި އޮއްވަ ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލ. ގަމުގައި ފަޅުތެރޭގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލާފައިވަނީވެސް މި ގޮތަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް