ނަރުދޫއާ މިލަންދޫން ޕޮސިޓިވްވި މީހުން ހއ. ދޮނަކުޅި ކަރަންޓީން ފެސިލިޓީއަށް

ނުރައްކާތެރި ކޯވިޑް-19 އަށް ށ. ނަރުދޫ އާއި މިލަންދޫއިން ޕޮސިޓިވްވި މީހުން ހއ. އައިލެންޑް ހައިޑަވޭ އެޓް ދޮނަކުޅި ރިސޯޓަށް ގެންދަން ނިންމައިފި އެވެ. އެއީ އުތުރުގެ އަތޮޅުތަކުގައި ކޯވިޑް-19 އަށް ޕޮސިޓިވްވ...

30 Apr 2020 | 02:40

ނުރައްކާތެރި ކޯވިޑް-19 އަށް ށ. ނަރުދޫ އާއި މިލަންދޫއިން ޕޮސިޓިވްވި މީހުން ހއ. އައިލެންޑް ހައިޑަވޭ އެޓް ދޮނަކުޅި ރިސޯޓަށް ގެންދަން ނިންމައިފި އެވެ.

އެއީ އުތުރުގެ އަތޮޅުތަކުގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައިވާ ރިސޯޓެވެ. މި ފެސިލިޓީގައި ފަރުވާ ދޭން ތިއްބަވަނީ އައިޖީއެމްއެޗުގެ މުވައްޒަފުން ކަމެއް ނުވަތަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުން ކަމެއް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމައެއް ނުކުރެ އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެ ރަށުން ޕޮސިޓިވްވި މީހުން ދޮނަކުޅި ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު އެމީހުން ތިބީ ރަށުގައި ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އަށް ނަރުދޫއިން ފުރަތަމަ ޕޮސިޓިވްވީ އެ ރަށުގައި ދުއްވާ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އޭގެ ފަހުން އެ އާއިލާގެ ހަތް މީހަކު ޕޮސިޓިވްވެފައިވާއިރު މިލަންދޫއިން ޕޮސިޓިވްވެފައިވަނީ އަމާޒު ބޯޓުން ދަތުރު ކުރި މީހެކެވެ.

މި އެންމެންގެ ހާލުވެސް ރަނގަޅެވެ. މި މީހުންގެ ތެރެއިން އަމާޒު ބޯޓުގެ ކެޕްޓަނަށް ފަރުވާ ދެމުންދަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

އަތޮޅު ތަކުން ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް އުތުރާއި ދެކުނުގެ ދެ ރިސޯޓެއް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ދެ ރިސޯޓު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ތަައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

އުތުރުގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވާ ދޮނަކުޅި ރިސޯޓަކީ100 އެނދުގެ ރިސޯޓެކެވެ. ދެކުނުގެ ކަރަންޓީން ފެސިލިޓީއެއްގެގޮތުގައި ހަމަޖައްސާފައިވަނީ ކުރިން ރިސޯޓު ހިންގި ހެރެތެރެ އެވެ. އެއީ270 ކޮޓަރީގެ ރަށެކެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަނީ ފަރުކޮޅުފުއްޓާއި އއ. ވެލިދޫ ރިސޯޓުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް އަށް278 މީހަކު ޕޮސިޓިވްވެފައިވާއިރު އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މީހަކު މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް