ވާހަކަ: މަ ހާދަ ލޯބި ވެއޭ - ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޒިޔާން ހޯދަން ހަދާނެ ގޮތަކާމެދު ނައުޝާދު އެކި ގޮތްގޮތަށް ވިސްނިއެވެ. އެންމެ ފަހުން އޭނާ ނިންމީ އާޒިމާ ބައްދަލު ކުރުމަށެވެ. އާޒިމަކީ މުނާގެ ވެސް ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ...

30 Apr 2017 | 02:21

ކުރީގެ އަދަދާއި ގުޅޭ...

ޒިޔާން ހޯދަން ހަދާނެ ގޮތަކާމެދު ނައުޝާދު އެކި ގޮތްގޮތަށް ވިސްނިއެވެ. އެންމެ ފަހުން އޭނާ ނިންމީ އާޒިމާ ބައްދަލު ކުރުމަށެވެ. އާޒިމަކީ މުނާގެ ވެސް ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ. އާޒިމަށް އަފްޝީންގެ ޚަބަރުތައް މުނާގެ ފަރާތުން ލިބޭނެ އެވެ. އެ ހުރިހާ ޚަބަރެއް ތާޒާކަންމަތީގައި އާޒިމް ޒިޔާނަށް ފޯރުކޮށްދޭނެކަން ޔަގީނެވެ.

ނައުޝާދު މަގުމައްޗަށް ނުކުމެފައި ފަރުވާތެރިކަމާއެކު މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. މަގުގެ އަނެއް ފަޅީގައި ގަސްތަކަކާއި ޖޯލިފައްޗެއް ހުންނަ ކަމަށް އަފްޝީން ލިޔެފައި އޮތެވެ. އެކަމަކު މިހާރު އެތަނުގައި ވެސް ހުރީ ގެ ތަކެކެވެ. ކޮންމެ ގެއެއް ގައި ވެސް ހުރީ ވަރަށް އުސްކޮށް މަގުމަތީ ފާރު ރާނާފައެވެ. ދޮރޯށި ކައިރީގައި ފާރުގައި ނަން ބޯޑު ހަރުކޮށްފައި ހުއްޓެވެ. ނައުޝާދު ނަން ބޯޑުތައް ބަލަމުން ކުރިއަށް ދިޔައެވެ. އެކަމަކު އާޒިމްގެ އެޑްރެސް އޭނާ އަކަށް ނޭނގެއެވެ. އެ ވަގުތު ސަމީރު މަގުމައްޗަށް ނުކުތެވެ.

"ކިހިނެއްވީ؟ ކޮންއެއްޗެއް ތި ހޯދަނީ؟" ނައުޝާދުގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް މީހަކު ނުވަތަ ގެ އެއް ހޯދާ ހެން ސަމީރަށް ހީވިއެވެ.

"މީ. . . މިތާ ކައިރި ގެއެއްގަ އުޅެއެއްނު އާޒިމެއް. އެއީ އަފޫގެ ފްރެންޑެއް!" ނައުޝާދަށް ވާހަކަ ދެއްކުނީ ތަންކޮޅެއް އުނދަގުލުންނެވެ.

އާޒިމްގެ ނަން ބުނުމުން ސަމީރު ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. "އާނ. އެއީ މުނާގެ ވެސް ވަރަށް ބޮޑު ރައްޓެއްސެއް! އޭނަ މާ ދުރު ރަށެއްގަ ކުއްޖަކާ އިނދެގެން އެ ރަށަށް ދިރިއުޅުން ބަދަލުކުރި ފަހުން މިހާރު ދެތިން އަހަރު ވެއްޖެ!"

"ދެތިން އަހަރު؟؟ މާނައަކީ ޒިޔާނަށް އަފޫގެ އެއްވެސް ޚަބަރެއް ނުލިބޭނޭ، އެއްވެސް ކަމެއް ނޭނގޭނޭތަ؟ ނޫން. ނޫން. އެވަރުގެ ބޮޑު ކަމެއް ސިއްރެއް ނުވާނެ" ނައުޝާދަށް ހިތާހިތުން ބުނެވުނެވެ.

ޒިޔާން ހޯދުމުގެ މަސައްކަތުގައި ދެވަނަ ވިސްނުމަކަށް ދިޔުމަށް ނައުޝާދަށް މަޖުބޫރުވިއެވެ. ސަމީރު ކައިރީގައި ޒިޔާންގެ ވާހަކަ އަހަން ވެސް ހިތަށް އެރިއެވެ. އެކަމަކު އަހާނީ ވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ އަފްޝީންއާ ޒިޔާނާ ދެމެދުގައި ގުޅުމެއް ހިނގި ކަން އާޒިމް ފިޔަވައި އިތުރު މީހަކަށް ނޭނގެ އެވެ. މުނާ އަކަށް ވެސް ނޭނގޭނެ އެވެ.

"ކިހިނެއްވީ؟ ދެމީހުން މަގު މެދުގަ؟" މުނާ އަށް އެ ދެ މީހުން ފެނުމުން އެހިއެވެ.

"ހަމަ ތިބީ. ނައު ނުހޭލާތަ؟" ނައުޝާދު އެހިއެވެ.

"އާނ. މޫދުގަ އުޅެއުޅެ ވަރުބަލިވެގެން އެ ނިދީ. ނައުއްކޮ މި ރަށު ސްކޫލަށް ވައްދަންވީނު؟ އޭރުން އޭނާ ކިހާ އުފާވާނެ! އެއްވަރުގެ ކުދިންނާ އެކީ ކުޅެލާ، މަޖާކޮށްލާ ހެދޭނެ!" މުނާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.

"މި އައީ މި އަހަރު އެއްކޮށް މި ރަށުގަ ތިބޭކަށް ނޫނޭ!" ކުޑަކޮށް ހީނލަމުން ނައުޝާދު ބުންޏެވެ.

"ކުޑަ ދުވަސްކޮޅަކަށް ވިޔަސް ވެއްދިދާނެ އެއްނު؟ މާލޭގަ ވެސް ސްކޫލަކަށް ނުފޮނުވަމެއްނު؟ އެކަމަކު މިއީ އެލް.ކޭ.ޖީ ގައި އުޅެންޖެހޭ އަހަރެއްނު؟"

"އެއީ ތެދެއް! އެ އުމުރުގެ ކުދިން ބޭނުންވާނެ ސްކޫލަށް ގޮސް ކުޅެލާ ހަދަން. މިރަށު ސްކޫލް ވަރަށް ރަނގަޅު ވާނެ، އަދި މިހާރު ސްކޫލް ހިންގުމާ ހަވާލުވެގެން ހުންނަނީ ވެސް ރަށު މީހެއް!" ސަމީރު ވެސް މުނާގެ ވާހަކައަށް ތާއީދުކުރިއެވެ. ސްކޫލްގެ ރަނގަޅު ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ.

"ސަމީރަކީ ޓީޗަރެކޭ ދޯ!" ޒިޔާނަކީ ޓީޗަރެއްކަން ހަނދާންވުމުން ނައުޝާދު ބުންޏެވެ. އެކަމަކު ޒިޔާންގެ ނަން އޮޅިގެން ވެސް ބުނެވިދާނެތީ އޭނާ ހުރީ ވިސްނައިގެންނެވެ.

ނައުޝާދު އިނީ ހޮސްޕިޓަލުގަ އެވެ. ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ޑޮކްޓަރަށް ދެއްކުމަށް ކުރިން ނަން ނޯޓު ކޮށްފައިވާ ހުރިހާ ކުދިން ބަލައި ނިމިއްޖެ އެވެ. ނައުޝާދުގެ މަސައްކަތްތައް އާންމު ހާލަތަށް ރުޖޫޢަވެއްޖެ އެވެ. މާ ބޮޑު ކަމެއް ނެތް ދުވަހެއް ކަމުން މެންދުރު ނަމާދު ކޮށްލަން މިސްކިތަށް ދާން އުޅެނިކޮށް ޕޭޝަންޓެއް އައެވެ. ކުޑަކުޑަ އަންހެން ކުއްޖަކާއި، އޭނާގެ މަންމަ އާއި ބައްޕަ އެތެރެއަށް ވަނެވެ. އެ ކުއްޖާ އިނީ ބައްޕަގެ އުނގުގައެވެ. ނައުޝާދު ޝައުޤުވެރިކަމާއެކު އޭނާ އަށް ބަލައިލިއެވެ. ހަމުގެ ކުލަ އަލިވެފައި، ބަލައިލަން ރީއްޗެވެ. ލައިގެން އިން އަތްދިގު ގަމީހާއެކު އަޅާފައިވާ ޓައީ އޭނާއާ ވަރަށް ގުޅެއެވެ. ހީނލާގޮތުން އެއީ ހިތްހެޔޮ ޒުވާނެއްކަން ދޭހަކޮށްދެއެވެ.

"ކިހިނެއް ވަނީ؟" ކުޑަ ކުއްޖާގެ މޫނަށް ބަލައިލަމުން ނައުޝާދު އެހިއެވެ.

"މާ އަވަސްއަވަހަށް ހުން އަންނަނީ. ނުވެސް ކައި. . ." ދަރިފުޅުގެ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނީ ދަރިފުޅުގެ ބައްޕަ އެވެ.

ނައުޝާދު ވަރަށް ރަނގަޅަށް އެ ކުއްޖާ ބެލިއެވެ. ފެންނަ ފެނުމަށް ވެސް އެއީ ވަރަށް ބަލި ކުއްޖެކެވެ. ހަށިގަނޑު ވަރަށް ނިކަމެއްޗެވެ. ދެ ކޯތާފަތް ވަނީ ވަޅުވަދެފައެވެ. މޫނުމަތީގައި އެއްވެސް ކަހަލަ އުޖާލާކަމެއް ނެތެވެ.

"ދަރިފުޅުގެ ބަރުދަން ބަލާލަން ބޭނުން" ކޮޓަރީގެ އެއްފަރާތުގައި ހުރި ބެލެންސަށް އިޝާރާތް ކޮށްފައި ނައުޝާދު ބުންޏެވެ.

ދެމީހުން އެކުއެކީގައި ތެދުވެގެން އެ ދިމާއަށް ދިޔައެވެ. އޭރު ދަރިފުޅުގެ އައި.ޑީ ކާޑު އޮތީ މޭޒުމަތީގައެވެ. ހަމަ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ނައުޝާދު އެ ކާޑު ނަގައި ބަލައިލިއެވެ.

"ބައްޕަގެ ނަން. މުހައްމަދު ޒިޔާން. މަންމަގެ ނަން. ލަމްހާ މޫސާ" ހިތާހިތުން ނައުޝާދަށް ކިޔާލެވުނެވެ. އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު ޒިޔާންގެ މޫނަށް ނަޒަރުހިންގާލެވުނެވެ. އޭނާގެ ހިތް ދޮގެއް ނުބުނާނެއެވެ. ފުރަތަމަ ފެނިލުމުން ވެސް ޒިޔާންގެ ރީތިކަން އޭނާ އަށް ފާހަގަކުރެވުނެވެ. އަފްޝީން ޒިޔާން ސިފަކޮށްފައިވާ ގޮތާ ވަރަށް ބޮޑަށް ދިމާވެއެވެ.

"އެއީ ރީތި ޒުވާނެކެވެ. އާންމުކޮށް ފެންނަ ދިވެހި ފިރިހެނުންނަށް ވުރެ ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ހީނލާއިރު އެހުންނަ ހިތްގައިމު ގޮތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އާދަޔާހިލާފު އަސަރެއް ކުރަމުން ދިޔައެވެ."

މިއީ ކޮން ކަހަލަ އިއްތިފާޤެއް ހެއްޔެވެ؟ ހޯދަން ބޭނުންވާ ފަރާތް އެހުރީ އޭނާގެ ކުރިމަތީގައެވެ. ނުހަނު ގާތުގައެވެ. މިހާ ފަސޭހައިން ޒިޔާނާ ބައްދަލުވެދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި ނައުޝާދަށް އިނދެވުނީ އެވެ. ޒިޔާންގެ ދޮން މޫނުމަތިން އޭނާ އަށް ފެންނަނީ ނައުޝީންގެ ތުއްތު މޫނެވެ. އެއީ ހަމަ އެ ދެ ލޮލެވެ. އެ ތުންފަތެވެ. އެ ރީތި ހިނިތުންވުމެވެ.

"އަށް ކިލޯ" ޒިޔާންގެ އަޑަށް ނައުޝާދު ސިހުނެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން މަސައްކަތުގައި މަސްއޫލުވިއެވެ.

"އަދި އެބަޖެހޭ ލޭގެ ޓެސްޓެއް ވެސް ހަދާލަން. ރިޕޯޓް ހިފައިގެން މާދަމާ ދުރުވޭ!"

"ޝުކުރިއްޔާ!"

ދަރިފުޅު އުރާލައިގެން ޒިޔާން ނުކުތްތަން ދެކެން ނައުޝާދު އިނީ ފިކުރު ބޮޑުވެފައެވެ. އޭނާގެ ސިކުނޑިއަށް ވަނީ އާދަޔާހިލާފަށް ބަރުވެފައެވެ. ނޭނގޭ ބިރަކުން ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެއީ ހަމަ ޒިޔާނެވެ. އަފްޝީން އެމީހަކު ދެކެ އިންތިހާ އަށް ލޯބި ފަރާތެވެ. ނައުޝީންގެ ބައްޕަ އެވެ. އެކަމަކު މިހާރު އެއީ މީހެއްގެ ހައްޤެކެވެ. އޭނާ ލަމްހާއާ ކައިވެނި ކުރީ އެވެ. ކުޑަކުޑަ ދަރިއަކު ވެސް ލިބުނީ އެވެ. މިހާރު އޭނާ އަފްޝީންގެ ނަން ވެސް ހަނދާންހުރި ކަމެއް ނޭނގެއެވެ. އޭނާ އަފްޝީންއާ އެކުގައި ހޭދަކުރި ދުވަސްތަކަކީ ހުވަފެނެއް ކަމުގައި ދުށުމަށް ބުންޏެވެ. މިހާރު އެ ހުވަފެން އޭނާގެ ހިތުން ފިލައިގެން ހިނގައިދާނެ އެވެ. އެކަމަކު އެއީ ހުވަފެނެއް ނޫނެވެ. ފެންނަން ހުރި ހަޤީޤަތެކެވެ.

ނައުޝީން ސްކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް މުނާ ހަމަޖެއްސި އެވެ. ގޭގައި ހުރި ފަހާތަނުން ކުޑަކުޑަ ޔުނިފޯމެއް ފެއްސިއެވެ. ނައުޝީން އަށް ހެޔޮވަރުގެ ބޫޓަކާއި، ރީތި ދަބަހެއް ގަނެދިނެވެ. ނައުޝާދު ގެއަށް ދިޔައިރު ނައުޝީން ހުރީ އުފަލުން ފޮޅިފައެވެ. ބޫޓަށް އަރައިގެން، ދަބަސް ކޮނޑުގައި އަޅުވައިގެން ގޭތެރޭގައި ދުވަނީ އެވެ.

"ޔުނިފޯމް ހެޔޮވަރު ކޮށްފިންތަ؟" އެނދުމަތީގައި އޮތް ރަތް ކުލައިގެ ސްކާޓާއި، ހުދުކުލައިގެ ޓޮޕް ފެނުމުން ނައުޝާދު އެހިއެވެ.

"ލައްބަ! އަޅުގަނޑަށް ހަމަ ހެޔޮވަރު! މާމައާ އެކީގަ ލޯގަނޑުން ބެލިން" ނައުޝީން އެންމެ އުފާ ވަނީ ޔުނިފޯމުގައި ރަތް ކުލަ ހުރުމުނެވެ. އެއީ އޭނާ އަށް އެންމެ ރީތި ކުލަ އެވެ.

"ސްކޫލަށް ދާންވާއިރަށް ތި ހުރީ މުޅިން ޓޭން ވެފައެއްނު؟ މާލެ ދާން ކައިރިވީމަ ދެން މޫދަށް ނޭރެއްޗޭ!" ނައުޝީން އުރާލުމަށްފަހު ކޮލަށް ދޮނެއް ދެމުން ނައުޝާދު ބުންޏެވެ.

"އަޅުގަނޑު ދެން މާލެ އަކަށް ނުދާނަން. މި ރަށް މާ ރަނގަޅު!" ލޯބިވެތި އަޑަކުން ނައުޝީން ބުނެލި އެވެ. އެ އަޑު އިވިފައި މުނާ ވަރަށް އުފާވިއެވެ. ނައުޝީން ހިތްހަމަޖައްސައި ދެވޭ ކަމުގެ އިހުސާސް ކުރެވުނެވެ.

"އާނ. . . ކީއްކުރަން މާލެ އަށް ދާންވީ؟ އަދި މިއަދު ހަވީރު މިއުޅެނީ ލިއުދައްތަގެ ބޭބީ ކައިރި އަށް ދާންވެގެންނޭ ދޯ!" މުނާ އައިސް ނައުޝީން އުރާލާ ލޯބި ކޮށްލިއެވެ. "ބަސް އަހައިގެން ކާތީ މިހާރު ހާދަ ބަރޭ!" މުނާ ހެމުން ބުންޏެވެ.

ލޯބިލޯބި ފުށްގަނޑެއް ފަދަ ނައުޝީން ފެންނަ ކޮންމެ މީހަކު ވެސް ލޯބިން މޮޔަވާނެ އެވެ. އުރާލާ ލޯބި ކޮށްލާ ހިތް ވާނެ އެވެ. ފަން އިސްތަށިކޮޅަކާއި، ބޮޑުބޮޑު ދެ ކޯތާފަތެވެ. އަބަދު ހިނިތުންވެފައި ހުންނަ ނިއަނެތި މޫނެކެވެ. އެހެން މީހުންނާ ގުޅިގެން އުޅެން ދަންނަ ބަސްއަހާ ކުއްޖެކެވެ. ނައުޝާދު އޭނާ ތަރުބިއްޔަތު ކުރަމުން އަންނަ ރިވެތި ގޮތަށް ތަޢުރީފު ހައްޤެވެ.

ޖެހިގެން އައި ދުވަހު ދަރިފުޅުގެ ރިޕޯޓް ބަލައި ހޮސްޕިޓަލަށް ދިޔައީ ޒިޔާން އެކަންޏެވެ. އެއީ ނައުޝާދު އުއްމީދު ކުރިގޮތެވެ. ބޭނުންވި ގޮތް ވެސް މެއެވެ.

"ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނެތް! ހުރިހާ ވެސް މައްސަލައަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން. . . " ދަރިފުޅުގެ ހާލަތު ޒިޔާނަށް އޮޅުންފިލުވައި ދިނުމަށްފަހު ނައުޝާދު ބޭސް ލިޔެދިނެވެ.

"މި ބޭސް ޤަވައިދުން ދީ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ!" ބޭސް ސިޓީ ޒިޔާން އަތަށް ދެމުން ނައުޝާދު ބުންޏެވެ.

"ތީ ޒިޔާން ދޯ!" ޝުކުރު އަދާކޮށްފައި ޒިޔާން ތެދުވަން އުޅުނު ވަގުތު ނައުޝާދު އޭނާ ހުއްޓުވިއެވެ.

"އާދެ!" ހިނިތުންވަމުން ޒިޔާން ޖަވާބު ދިނެވެ.

"އަހަންނަށް ކިޔަނީ ނައުޝާދު" ނައުޝާދު އަމިއްލަ އަށް ތަޢާރަފުވިއެވެ.

"ލައްބަ. ޑރ. ނައުޝާދު ނޭނގޭ ދިވެއްސަކު ނޫޅޭނެ ނޫންތޯ!" ޒިޔާން ގާތްގޮތަކަށް ހިނިތުންވަމުން ބުނެލިއެވެ.

"އަހަރެން ހަމަ އެހާ ރަނގަޅަށް ދަންނަންތަ؟" ސީރިއަސްކަމާއެކު ނައުޝާދު އެހިއެވެ.

"ތީ އަބަދު ޓީވީ އިން ފެންނަ މޫނެއް ނޫންތޯ!" ޒިޔާން ބުންޏެވެ.

"އެހެންދޯ!" ނައުޝާދު ކުޑަކޮށް ހީނލިއެވެ. "ދެން މި ރައްޓެހިވީ އިނގޭ! މި ކަހަލަ ކުޑަކުޑަ ރަށެއްގައި އަދި ދިމާވާނެ އެއްނު؟" ޒިޔާނާ ގުޅުން ބާއްވަން ބޭނުންކަން އެންގުމުގެ ގޮތުން ނައުޝާދު ސަލާމަށް އަތް ދިއްކޮށްލިއެވެ. އުފަލާއެކު ޒިޔާން އެކަން ގަބޫލުކުރިއެވެ.

***ނުނިމޭ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް