ވާހަކަ: މަ ހާދަ ލޯބި ވެއޭ – އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... މާގިނަ ދުވަހު މާލޭގައި ހުންނާކަށް ނައުޝާދު ގަސްތެއްނުކުރިއެވެ. އޭނާ ބޭނުން ވަނީ ވީއެންމެ އަވަހަކަށް ކިޔެވުން ފުރިހަމަ ކުރަން ދާށެވެ. އަހަރެން ވެސް ގޮވައިގެންނެވެ. އެއީ އަހަރެން...

22 Apr 2017 | 22:00

ކުރީގެ އަދަދާއި ގުޅޭ...

މާގިނަ ދުވަހު މާލޭގައި ހުންނާކަށް ނައުޝާދު ގަސްތެއްނުކުރިއެވެ. އޭނާ ބޭނުން ވަނީ ވީއެންމެ އަވަހަކަށް ކިޔެވުން ފުރިހަމަ ކުރަން ދާށެވެ. އަހަރެން ވެސް ގޮވައިގެންނެވެ. އެއީ އަހަރެން ވެސް ބޭނުންވީ ގޮތެވެ. އަހަރެން އޭނާއާ އެކު ނުގޮސް މަޑުކޮށްފިނަމަ މި ކައިވެނީގެ މަޤުޞަދު ހާސިލެއް ނުވާނެއެވެ.

"ވަރަށް ދެރަވޭ އަފޫ ގޮވައިގެން އެއްވެސް ތަނަކަށް ނުދެވުނީތީ. . ." އަހަރެން ފޮށްޓަށް އެއްޗެހި އަޅަން އުޅެނިކޮށް ނައުޝާދު އައިސް އަހަރެންގެ ފުރަގަހުން ބައްދާލިއެވެ.

"މިއީ ހަނީމޫން ދަތުރެއްނު؟" އަހަރެންގެ ޝަކުވާއެއް ނެތް ކަން ބުނެދިނުމުގެ ގޮތުން ބުނީމެވެ.

ހަޤީގަތުގައި ވެސް އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަރެން ޝަކުވާ ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ލޯތްބާއި، ހިތްހަމަހެޖުން ފިޔަވައި އެހެން ހުރިހާ އެއްޗެއް ނައުޝާދުގެ ފަރާތުން އަހަންނަށް ލިބޭނެކަން ޔަގީނެވެ. އަހަރެންގެ ލޯތްބަކީ ޒިޔާނެވެ. ހިތްހަމަޖެހުމަކީ ޒިޔާނާ އެކުގައި ރީތި ދިރިއުޅުމެއް ހޭދަކުރެވުމެވެ. އެއީ ދުވަހަކުވެސް ނުވާނެ ކަންކަމެވެ.

އަހަރެން ބަނޑުބޮޑުކަން ނައުޝާދަށް އެނގުނީ ކައިވެންޏަށް މަހެއް ވީފަހުންނެވެ. ނައުޝާދު އުފަލުން ފޮޅުނެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ ދަރަޖަ އުފުލިގެން ދިޔައެވެ. މިހާރު އަހަންނަކީ އަމީރާ އެކެވެ. އޭނާ އެކަން އިހުސާސް ކޮށްދިނެވެ.

ބަނޑުބޮޑުވުމަށް ބަލިވެއިނުމޭ ކިޔަނީ ކީއްވެކަން އެނގުނީ އެކަން ތަޖުރިބާ ކުރެވުމުންނެވެ. ކިތަންމެ ބަނޑުހައި ވިޔަސް ކާން ކެރޭ ކާއެއްޗެއް ނުހުރެއެވެ. ކިތަންމެ ވަރުބަލިވިޔަސް ހަށިގަނޑަށް އަރާމެއް ހޯދައެއް ނުދެވެއެވެ. ނުނިދެއެވެ. މިހާ ޅަ އުމުރުގައި މިފަދަ ބޮޑު ކަމަކާ ކުރިމަތިލާނީ ކިހިނެއްބާއޭ ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށް އެރިއެވެ. ނައުޝާދު އަހަންނަށް ހިތްވަރުދިނެވެ. އަހަރެން އުއްމީދު ކުރި ވަރަށް ވުރެ ބޮޑަށް އޭނާގެ އެހީތެރިކަން ލިބުނެވެ. އެންމެ ހިނދުކޮޅަކަށް ވެސް އާއިލާއާ ވަކިން އުޅޭ ކަމުގެ އިހުސާސެއް ނުކުރެވެއެވެ.

ދަތި އުނދަގޫ ނުވަމަސް ދުވަހަށްފަހު އަހަރެން ވިހެއީ ހޯމަ ވިލޭރޭއެއްގެ ފަތިހުގެ ވަގުތެއްގައެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެ ތުއްތު މޫނު ޒިޔާންގެ ރީތި މޫނާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ ދެލޮލެވެ. ނޭފަތުގެ ބައްޓަން ވެސް ޒިޔާނާ އެއްވެސް ތަފާތެއް ނެތެވެ. ކުޑަކުޑަ ތުންފަތުން ވެސް ސިފަވެގެން ދަނީ ޒިޔާންގެ ހިތްގައިމު ހިނިތުންވުމެވެ.

"ބޭބީ ވައްތަރީ އަހަންނާ ދޯ!" ދަރިފުޅުގެ މޫނުގައި ބޮސްދެމުން ނައުޝާދު ބުންޏެވެ.

ބޭއިޚުތިޔާރުގައި އަހަންނަށް މޫނު އަނބުރާލެވުނެވެ. ކުށުގެ އިހުސާސް ކުރެވި، ހިތްދަތިވިއެވެ. ނައުޝާދަށް މިދެވެނީ ހާދަ ބޮޑު އަނިޔާއެކެވެ. އޭނާއާ އެއްވެސް ގުޅުމެއް ނެތް، އެހެން މީހެއްގެ ދަރިއަކަށްޓަކާ އޭނާގެ ހިތުގައި ދަރިކުލުނު އުފެދިއްޖެއެވެ. އޭނާގެ ހަރަކާތްތަކާއި، މޫނުމަތީގެ ކުލަވަރު ފެންނަ ކޮންމެ މީހަކަށް ވެސް އޭނާ އުފާވެފައިވާ މިންވަރު އިހުސާސް ކުރެވޭނެއެވެ.

"ބައްޕަގެ ދޫންޏަށް ކޮން ނަމެއް ކިޔާނީ؟" ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ނައުޝާދު އެހިއެވެ. "ނައުޝާ ތަ؟ ނޫނީ ނައިޝާ ތަ؟"

ނައުޝާދު ބޭނުން ވަނީ އޭނާގެ ނަމާއި ގުޅޭ ގޮތަށް ނަން ކިޔާށެވެ. އެކަމަކު ދަރިފުޅަށް ކިޔާނެ ނަމެއް އަހަރެން މާ ކުރިން ހޯދައިފީމެވެ.

"ޒައިނީ" އަހަރެން ބުނީމެވެ.

"ޒައިނީ. . ." ނައުޝާދު އެ ނަން ކިޔާލިއެވެ. "ގޯހެއް ނޫން. އެކަމަކު އަހަރެންގެ ދަރިއަކަށް ކިޔަން ވާނީ އަހަރެންގެ ނަމާ ގުޅޭ ނަމެއްނު؟"

އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަހަންނަށް ހީވީ ނައުޝާދަށް ހަޤީގަތް އެނގިގެން އަހަރެން ބޭޒާރުކުރަން އުޅެނީ ހެންނެވެ. ބޮޑު ވައްކަމެއް ކޮށްފައި އަންނަ މީހަކަށް ހީވާނީ ދެން ތިބޭ އެންމެންނަށް އޭނާ އަކީ ވަގެއްކަން އެނގިގެން އުޅޭހެން ނޫން ހެއްޔެވެ؟ އަހަންނަށް ވެސް ވީ ހަމަ އެހެންނެވެ.

"ބޭބީ އަށް ކިޔާނީ ނައުޝީން!" ނައުޝާދު އެންމެ ފަހުގެ ނިންމުން ނިންމިއެވެ. އަހަންނަކަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެ ނަން އަހަރެންގެ ނަމާ ވެސް ގުޅެއެވެ. އެކަމަކު އަހަރެން ދަރިފުޅުގެ ނަން ގުޅުވަން ބޭނުންވަނީ ޒިޔާންގެ ނަމާއެވެ. ހަޤީގީ ބައްޕަ އަކީ އެއީ އެވެ.

އަހަންކީ ހަޤީގަތާއި ކުރިމަތިލާނެހާ ހިތްވަރު ހުރި މީހެއް ނޫނެވެ. ޝަރުޢީ ގޮތުންނާއި، ދުނިޔެވީގޮތުން ދަރިފުޅުގެ ބައްޕަ އަކީ ނައުޝާދެވެ. އެއީ އަހަރެން ވެސް ގަބޫލުކުރަން ބޭނުންވާ ގޮތެވެ. އެދޭ ގޮތެވެ.

ދަރިފުޅުގެ އުމުރަށް އިތުރުވަމުން ދިޔަ ކޮންމެ ދުވަހަކާއެކު ދަރިފުޅުގެ ސިފަ އިތުރަށް ޒިޔާނާ ވައްތަރުވަމުން ދިޔައެވެ. ނިދާފައި އޮންނައިރު ވެސް، ހޭލާ އޮންނައިރު ވެސް އަބަދު އަހަންނަށް ބެލެނީ އެ ތުއްތު މޫނަށެވެ. ހީވަނީ ޒިޔާންގެ ކުރިމަތީގައި ހުރެވޭ ހެންނެވެ. ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް ޒިޔާނާ އެކު ހޭދަކުރެވުނު ލޯބިވެތި ދުވަސްތައް އަބަދު ވެސް ތާޒާކަންމަތީ އަހަރެންގެ ހިތުގައި ހަރުލާފައި ހުރެއެވެ. މި ދަރިފުޅު ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެންގެ ހިތުން އެ ހަނދާންތަކެއް ނުފިލާނެއެވެ.

*************

ފޮތުގެ އެންމެ ފަހު ޞަފުހާގައި ޖަހާފައިވާ ތާރީހަށް ނައުޝާދު ބަލައިލިއެވެ. ދޭއް ނޮވެމްބަރު ދެހާސް ދިހައެކެވެ. މިއީ އޭނާ އެ ފޮތް އެއްކޮށް ކިޔާ ނިންމި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ނާރު ތަކުގައި ލޭ ހިނގުން ހުއްޓި، ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔަ ކަހަލަ އެވެ. އެ ފޮތް ނުކިޔުނު ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެއީ އަފްޝީން މުނިފޫހި ފިލުވުމަށް ލިޔެވފައިވާ ވާހަކައެކޭ ބުނެ ހިތަށް ވިސްނައިދިނެވެ. ކޮންމެ ކަމަކަށް ވެސް ކެތްކުރަން ދަންނަ ހިތްވަރު ގަދަ ޑޮކްޓަރު މޮޔައެއް ފަދައިން ކަރުނަ އަޅަމުން ކޮޓަރި ތެރޭގައި އެނބުރުނީ އެވެ. އެ ފޮތަކީ ދޮގެއް ކަން ހިތަށް ވިސްނައިދޭން އެތަކެއް ވާހަކައެއް އަމިއްލަ ނަފުސާ ދެއްކި އެވެ. އެކަމަކު މެންދުރުގެ އިރު ފަދައިން އެނގި ފާޅުވާ ހަޤީގަތެއް ދޮގު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ އަފުޝީންގެ ހިތުގެ އަޑެވެ. އޭނާގެ ދިރިއުޅުމުން އެއް އަހަރު ފާއިތުވެގެން ދިޔަ ގޮތެވެ. އޭނާ މުޅި ދުނިޔެއަށް ސިއްރު ކޮށްފައިވާ ބޮޑު ހަޤީގަތް ބަޔާން ކޮށްފައިވާ ފޮތެވެ. ނައުޝާދުގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި ހަޤީގަތް އެނގިގެން ދިޔަ ފޮތެވެ.

"މަ ހާދަ ލޯބިވެއޭ!" ފޮތުގެ ފުރަތަމަ ޞަފުހާގައި ރަތް ގަލަމަކުން ބޮޑު އަކުރަކުން ލިޔެފައި އޮތެވެ. އެ އަކުރުތަކުގައި އަތުގެ އިނގިލިތައް ހިންގާލުމަށްފަހު ނައުޝާދު ފޮތް ލައްޕާލަމުން ލިޔާ މޭޒުމަތީގައި ބޭއްވިއެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް އެނދުގައި ނިދާފައި އޮތް ކުޑަ ދަރިފުޅުގެ މައުސޫމް މޫނަށް ބަލައިލިއެވެ. އޭނާއާ އެއްވެސް ގުޅުމެއް ނުވާ ފުރާނައަކަށްޓަކައި އޭނާގެ ހިތް ވަނީ ލޯބިން ފުރިފައެވެ. އުމުރުން ފަސް އަހަރުގެ ކުޑަކުޑަ ނައުޝީން އަކީ އޭނާގެ ދިރިއުޅުމުގެ މަޤުޞަދެވެ. ދުނިޔޭގައި ހުންނަން ބޭނުންވާ ހަމައެކަނި ސަބަބެވެ. އެކަމަކު އެއީ އެހެން މީހެއްގެ ދަރިއެއްކަން ގަބޫލު ކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ އެ ފޮތުގައިވާ ވާހަކަތައް ދޮގުކުރުމަށްޓަކައި އޭނާ ނައުޝީންގެ ޑީއެންއޭ ވެސް ޓެސްޓް ކޮށްފިއެވެ. ލިބުނު ނަތީޖާއިން އިތުރަށް ހިތްދަތިވުން ނޫން އިތުރު ކަމެއް ނުވިއެވެ. އެއީ ޒިޔާންގެ ލެ އެވެ. ޒިޔާނާއި އަފްޝީން ކުރި ފާފައިގެ ނިޝާނެވެ. އެކަމަކު އެ ހަޤީގަތް ދުނިޔެއަށް އަންގާކަށް ނައުޝާދު ބޭނުމެއް ނޫނެވެ. ޝަރުޢީ ގޮތުން ނައުޝީން އަކީ އޭނާގެ ދަރިއެކެވެ. އޭނާ ނިހާޔަތަށް ލޯބިވާ، އޭނާގެ ލޮލުގެ ފިނިކަމެވެ.

“ޑެޑީ. މީ ފްރައިޑޭ އެއްނު؟ ބުނީމެއްނު ބީޗަށް ދާނަމޭ!" ނައުޝީންގެ ތުއްތު އަޑުން ގޮވަންފެށުމުން ނައުޝާދަށް ހޭލަން މަޖުބޫރުވިއެވެ. ނިދި ހަމަނުވިޔަސް ހިތާދެކޮޅަށް ލޯ ހުޅުވާލަމުން އޭނާ ތެދުވިއެވެ.

"ޑެޑީ މިއުޅެނީ ޕްރިންސެސް ގޮވައިގެން ވަރަށް ރީތި ބީޗެއް އޮންނަ ރަށަކަށް ދާން ވެގެން" ނައުޝީން އުނގަށްލަމުން ނައުޝާދު ބުންޏެވެ. "އެއީ ވަރަށް ރީތި މޫދެއް ވެސް އޮންނަ ރަށެއް! ކޮންމެ ދުވަހަކު މޫދަށް ދެވޭނެ، ވެލި ކުޅެން ވެސް އުޅެވޭނެ!" ނައުޝާދު އިތުރަށް ކިޔައިދިނެވެ.

ކުޑަކުޑަ ނައުޝީން އުފަލުން ހަޅޭއްލަވައިގަތެވެ. ނައުޝާދުގެ މޫނުގައި ބޮސްދިނެވެ. އެންމެ ލޯބިވަނީ ޑެޑީ ދެކެ ކަމަށް ބުނެ ބައްދާލުމަށްފަހު، އެ ޚަބަރު ގޭ އެންމެންނަށް ދޭން ދުއްވައިގަތެވެ. ނައުޝީން އަދި ދުވަހަކު ވެސް އަތޮޅުތެރޭގެ ރަށަކަށް ދަތުރެއް ނުކުރެއެވެ. އުފަންވީއްސުރެ އުމުރުން ތިން އަހަރު ވަންދެން އޭނާ އުޅުނީ ރާއްޖޭން ބޭރުގައެވެ. މާލެ އަށް ދިރިއުޅުން ބަދަލުކުރިފަހުން ފާއިތުވެގެން ދިޔަ ދެ އަހަރަކީ ދިރިއުޅުމުގެ އުފާ އިހުސާސް ކުރެވޭ ވަރަށް ވުރެ، މާ ހިތްދަތި ދެ އަހަރެވެ. އެ ކުޑަކުޑަ ސިކުނޑި އަށް ނުވިސްނުނު ނަމަވެސް އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައްޖެ އެވެ. ހަޔާތަށް ފަޅުކަމާއި އަނދިރިކަން ވެރިވެއްޖެއެވެ. އެކަމަކު ނައުޝާދުގެ މަސައްކަތުން އެކަން އެ މައުސޫމު ދަރިފުޅަށް އިހުސާސް ވިޔަކަނުދެއެވެ.

އުޑުމަތީގައި ވިލާ މަދު، ރީތި ދުވަހެކެވެ. ވައިމަޑުވެ، ކަނޑުގެ ލޮނުގަނޑު ވަނީ ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ލޯންޗު ރަށުގެ ބަނދަރާއި ކައިރިކޮށްލިއެވެ. ނައުޝީން އުރާލައިގެން ލޯންޗުން ފޭބުމަށްފަހު ނައުޝާދު ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ. ރަށުގެ ތަސްވީރުތައް އޭނާގެ ހިތުގައި ކުރެހިފައިވާ ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. ބަލައިލާ ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ތަރައްޤީގެ ކުލަވަރެވެ. އަމާންކަމާއި، ހިތްފަސޭހަ ކަމެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ތިބުމަށް ހާއްސަ ގޭގައި ހުރުމުގެ ބަދަލުގައި ނައުޝާދު ޚިޔާރުކުރީ މުނާގެ ގެ އެވެ. މުނާ އާއި އޭނާގެ ފިރިމީހާ ސަމީރުގެ ފަރާތުން ލިބުނު މެހުމާންދާރީ އާއި އެމީހުން އެކަމަށް އެދޭވަރު ފެނިފައި އޭނާ އަށް ދެކޮޅުހަދަން ނުކެރުނީ އެވެ. ނައުޝީން އަށް ވެސް ރަނގަޅު ވާނީ އެ ގޮތް ކަމުގައި ވީތީއެވެ. ނައުޝީން އަށް މަންމަ އަކާއި މާމައެއް ލިބުނީ އެވެ. ނައުޝީން އެންމެ ވަގުތުކޮޅަކަށް ވެސް މުނާގެ މަންމައާ ދުރަކަށް ނުދެއެވެ. ތުއްތު އަޑުން "މާމަ" ކިޔަމުން އަބަދު ވެސް ކޮންމެވެސް ވާހަކައެއް ދައްކައެވެ.

"އަހަރެމެން ވަރަށް އުފާވޭ ނައުޝާދު ކަހަލަ މޮޅު ޑޮކްޓަރަކު މި ރަށު ހޮސްޕިޓަލަށް އައީތީ" އެންމެން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބި ވަގުތު ޝުކުރުވެރި ހިތަކާއެކު ސަމީރު ބުންޏެވެ.

ފެންނަ ފެނުމަށް ނައުޝާދަކީ ހިތްހެޔޮ، މީހުންނާ ގުޅޭ މިޒާޖެއްގެ ވެރިއެކެވެ. މުނާއާ ކައިވެނި ކުރިފަހުން މާލެ ނުދެވޭތީ މީގެކުރިން ނައުޝާދާ ބައްދަލުވެފައި ނުވި ނަމަވެސް އޭނާ ނައުޝާދުގެ މޫނު ހިތުދަހެވެ. ރާއްޖޭގެ ޤައުމީ ޓީވީ އިން ދައްކާ ސިއްހީ ޕްރޮގްރާމަކުން ވަރަށް ގިނައިން ނައުޝާދު ފެނެއެވެ.

"މި ކޮޅަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ތަ؟" ނައުޝީން އަށް ކާންދޭން އިނދެފައި ސަމާސާގެ ރާގެއްގައި މުނާ އެހިއެވެ. "ދުވަސްކޮޅަކު މި ކޮޅުގައި އުޅެލާއިރަށް ހިތްޖެހޭނެ! ނައުއްކޮ ވެސް ދެން ދާހިތެއް ނުވާނެ!"

"މި ރަށުގަ ހުރި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޗުއްޓީ އަށް ދިޔައިމަ ލިބުނު ފުރުސަތެއް މިއީ. އާކަމެއް ތަޖުރިބާ ކޮށްލަންވެގެން މި އައީ!"  ދަތުރުގެ އެންމެ މުހިއްމު މަޤުޞަދު ސިއްރުކުރަމުން ނައުޝާދު ހިނިތުންވިއެވެ.

އެއީ ދެއްކުންތެރިކަމުގެ ހިނިތުންވުމެކެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހުނީއްސުރެ ނޭނގޭ ނުތަނަވަސްކަމެއް ވަނީ ހަފަރާތުން އައިސް އޭނާ ވަށާލާފައެވެ. ހީވަނީ ހަމަ ދެންމެދެންމެ ޒިޔާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިދާނެ ހެންނެވެ. އޭނާގެ އަތުން ނައުޝީން ފޭރިގަނެގެން ގެންގޮސްދާނެ ހެންނެވެ. އެކަމަކު އެކަން އެހެންނެއް ނުވާނެ އެވެ. ނައުޝީންގެ ހުރިހާ ހައްޤެއް އޮތީ އޭނާ އަށެވެ. އެއްވެސް މީހަކަށް ނައުޝީންގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ. އޭނާ ނައުޝީން ދެކެ ވާ ލޯތްބެއް ވެސް އެހެން މީހަކަށް ނުވެވޭނެއެވެ. ޒިޔާނަކަށް ވެސް ނުވެވޭނެއެވެ. މާނައެއް ނެތް ކަންކަމާ ވިސްނައި، އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. އެވަރުގެ ޔަޤީންކަމެއް ނެތް ނަމަ އޭނާ ޒިޔާންގެ ކުރިމައްޗަށް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާ އަށް މުޅި އުމުރަށް ވެސް ނައުޝީން ފޮރުވައިގެން ގެންގުޅެވިދާނެ އެވެ. ބޭނުން ނަމަ ރާއްޖޭން ބޭރުގައި ވެސް މުޅި ހަޔާތް ހޭދަކޮށްލެވިދާނެ އެވެ. އެކަމަކު އެއީ އޭނާގެ ހިތް ރުހޭ ގޮތެއް ނޫނެވެ.

ޖެހިގެން އައި ދުވަހު ނައުޝާދު ވަޒީފާ އަށް ނުކުންނަން ފަށިއެވެ. ޑރ. ނައުޝާދު ހޮސްޕިޓަލުގައި މަސައްކަތްކުރަން ފެށި ޚަބަރު މުޅި ރަށަށް ވަނީ ފެތުރިފައެވެ. ނައުޝާދު ހީކުރިވަރަށް ވުރެ މާ ގިނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކޮށްފައި އޮތެވެ.

"މިއަދުން ފެށިގެން ޑޮކްޓަރ މި ހޮސްޕިޓަލުގައި މަސައްކަތް ކުރާނެކަން އަޅުގަނޑުމެން ވާނީ މުޅި ރަށަށް އިއުލާން ކޮށްފައި، އާ ޑޮކްޓަރެއް އަންނަ ފުރަތަމަ ދުވަސްކޮޅު ވަރަށް ބާރު ބޮޑުވާނެ. ހަފުތާއެއް ވަރު ވީމަ ހަމައަކަށް އެޅިދާނެ!" ހޮސްޕިޓަލުގެ މެނޭޖަރު ނައުޝާދަށް އޮޅުންފިލުވައި ދިނެވެ.

"އެއީ މައްސަލައެއް ނޫން. މަސައްކަތުގައި ބުރަކޮށް އުޅުމަކީ އަޅުގަނޑުގެ ހާއްސަ އުފަލެއް!" ހިނިތުންވަމުން ނައުޝާދު ބުންޏެވެ. ނައުޝީން ނެތް ނަމަ އޭނާގެ ހުރިހާ ވަގުތެއް ހޭދަ ކޮށްލާނީ ބަލިމީހުންގެ ޚިދުމަތުގައެވެ. އެކަމަކު އެންމެ އަދާކުރާ ހިތްވާ ވަޒީފާއަށް ވުރެ އޭނާ އަށް ނައުޝީން މުހިއްމެވެ. ރަސްމީ ގަޑީގައި ވެސް ދޭތެރެއަކުން ނައުޝީން ކޮބާތޯ ބަލައިލަން މުނާގެ މަންމަ އަށް ގުޅާލައެވެ.

"މިގެއާ ދިމާ އަތިރިމަތީގަ ހަމަ ކުޅެނީ" ހޮސްޕިޓަލުގައި އިނދެފައި ނައުޝާދު ގުޅުމުން އުފަލާއެކު މުނާގެ މަންމަ ބުންޏެވެ.

ފޯނު ކަނޑާލުމުން ވެސް އެ ބަސްތައް ނައުޝާދުގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. "މުނާމެންގެ ގެއާ ދިމާ އަތިރިމަތި." ނައުޝާދަށް އެތަން އޮންނާނެ ގޮތް ސިފަކުރެވުނެވެ. އެތަނުގައި ހުރިކަމަށް ބުނާ އޮޑި ހަރުގެ އާއި އެތަނުގައި ހިނގި އަމަލުތައް ލޮލަށް ފެންނަމުން ދިޔައެވެ. އޭނާގެ ހިތް ކުދިކުދި ކޮށްލި ހާދިސާ ހިނގި ހިނދުކޮޅަކު ސިފަވަމުން ދިޔައެވެ.

"ނޫން" ނައުޝާދަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އެ ވަގުތު މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ފުންނޭވާތަކެއް ލަމުން ނައުޝާދު ހަމަޖެހެން މަސައްކަތް ކުރިއެވެ.

*** ނުނިމޭ ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް