އުދައްޔު މަރާލިކަމުގެ ދައުވާ ކުޑަކުއްޖަކަށް، ތިން މީހަކަށް މަރާލުމުގަ ބައިވެރިވި ކަމުގެ ދައުވާ

ގއ. މާމެންދޫ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައިގަ ތިން މީހަކާއި ކުޑަކުއްޖަކާއި ދެކޮޅަށް ދައުވާ އުފުލައިފި އެވެ. ތޫނު އެއްޗަކުން ހަލާދީ މާރާމާރީ ހިންގުމުން ލިބިނު ޒަހަމް ތަކަށް ފަ...

30 Mar 2021 | 14:11

ގއ. މާމެންދޫ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައިގަ ތިން މީހަކާއި ކުޑަކުއްޖަކާއި ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

ތޫނު އެއްޗަކުން ހަލާދީ މާރާމާރީ ހިންގުމުން ލިބިނު ޒަހަމް ތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވީ ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި އެވެ. އުދައްޔު މަރުވީ މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:10 ހާއިރު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އުދައްޔުގެ މަރާއި ގުޅިގެން އުމުރުން 18އަހަރުން ދަށުގެ ކުޑަކުއްޖާ އާއި ދެކޮޅަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ޖުވެނައިލް ކޯޓުގައި ކަމަށެވެ. މި ދައުވާ އެ ކުއްޖާ އާއި ދެކޮޅަށް އުފުލާފައިވަނީ ގާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެގެ ފަސް ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ މާއްދަގެ ނ. ގެ ދަށުން ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް ވަނީ އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައިއެވެ.

އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ މާމެންދޫ ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ބިލަތްމާގެ، ޝަރަފު ރަޝިދު އަދި ގުލްފާމުގެ، މުޙައްމަދު މާޒިން އާއި ދެކޮޅަށެވެ.

ޝަފީއު ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ ފަސް ވަނަ މާއްދާގެ ހ. އާއި ށ. އާ ހަވާލާދީ، އެ މާއްދާގެ ނ. ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދަޢުވާކަމަށެވެ.

އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. އާއި ނ. އާ ޙަވާލާދީ، އެ މާއްދާގެ ރ. ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައިވެ އެވެ. މި މީހުންނާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި އެވެ.

މި މީހުންނާއި ދެކޮޅަށް އެ ދެ ކޯޓުގައި ދައުވާ އުފުލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް