ޔުވެންޓަސްގެ އެއްބަސްވުމުގައި ހުރި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރެމުން އަންނަ ޚަބަރުތައް ރެއާލް މެޑްރިޑުން ދޮގު ކޮށްފި އެވެ.
ސްޕެނިޝްގެ ޓީވީ ޗެނަލް ޓީވީ އެސްޕަނޯލާ (ޓީވީއީ) ން ރިޕޯޓް ކޮށްފައިވަނީ، ރޮނާލްޑޯ ގެންނަން، މެޑްރިޑްގެ ކުލަބުން އަދި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި ރޮނާލްޑޯވެސް އެ ކުލަބާއި ގުޅެން ބޭނުންވާ ކަމަށް ބުނެފަ ނެއް ކަމަށެވެ. ޓީވީއީން އާންމު ކުރި ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ރޮނާލްޑޯ އަށް އެއް އަހަރުގެ އެއްބަސް ވުމެއް ހުށަހެޅުމަށް ރެއާލް މެޑްރިޑުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް އެކަންވެސް ރެއާލްއިން ދޮގުކުރެއެވެ.
ސްޕެއިންގެ ޓީވީއީގެ ރިޕޯޓް ފެތުރުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ ވެބްސައިޓް މެދުވެރިކޮށް އެ ކުލަބުން ވަނީ ޓީވީ ޗެނަލު ފޮނުވި ޚަބަރު ދޮގު ކޮށް ބަޔާނެއް ނެރަފަ އެވެ.
ރެއާލް މެޑްރިޑުން ބުނީ، އެފަދަ ރިޕޯޓެއް އާންމު ކުރުމުގެ ކުރިން، ޓީވީއީ އިން އެކަމާ ގުޅުން ހުރި ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމުން ހައިރާން ވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ހަގީގަތެއް ނެތް ޚަބަރުތައް މީޑިއާގައި ފަތުރާއިރު، އޭގެ ދޮގުތެދު ކަށަވަރުކުރުމަށްވެސް ރެއާލްއިން އެދިފައިވެއެވެ.
2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އާއި ގުޅުނު ރޮނާލްޑޯ އަނބުރާ ކުލަބަށް ގެންނަން މިހާތަނަށް އެއްވެސް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް ވެސް ރެއާލް އިން ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ޕްލޭނުގައި ވާގޮތުން އަންނަ ޓްރާންސްފާ މާކެޓުގައި އެ ކުލަބުން ކުޅުންތެރިން ގެނައުމުގައި މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައި ހުރީ ޒުވާން ކުޅުންތެރިން ގެނައުމަށެވެ. އެގޮތުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ހާލަންޑްއާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ ގެނައުމަކީ ރެއާލްގެ އެންމެ ބޮޑު ޓާގެޓެވެ. ނަމަވެސް ކޮވިޑްއާއި ގުޅިގެން ކުރިމަތިވެފައިވާ ފައިސާގެ ދަތިކަން މިކަމަށް ހުރަހަކަށް ވެދާނެ ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
ރޮނާލްޑޯ އެނބުރި ރެއާލްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަތަށް މީޑިއާގައި ފެންމަތިވެފައިވާއިރު، ޔުވެންޓަސް އާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. އެގޮތުން ރޮނާލްޑޯ ޔުވްނެޓަސްއާއި އެކު ހަދާފައިވާ އެއްބަސްުން ހަމަވާނީ އަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށެވެ.
ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު ޗެމްޕިއަނަސް ލީގު ދެވަނަ ބުރުން ޕޯޓޯއަތުން ބަލިވެ ޔުވެންޓަސް ކެޓުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް