ރޮނާލްޑޯގެ ގޯލު މައްސަލާގައި ރެފްރީ މައާފަށް އެދިއްޖެ

ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ސާބިއާއާއި ދެކޮޅަށް މިމަހުގެ 28 ވަނަ ދުވަހު ޕޯޗުގަލް ކުޅުނު މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލު ގޯލެއް ކަމަށް ނުނިންމުނީ ހެދުނު ގޯހަކުން ކަމަށް ބުނެ އެ މެ...

30 Mar 2021 | 12:37

ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ސާބިއާއާއި ދެކޮޅަށް މިމަހުގެ 28 ވަނަ ދުވަހު ޕޯޗުގަލް ކުޅުނު މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލު ގޯލެއް ކަމަށް ނުނިންމުނީ ހެދުނު ގޯހަކުން ކަމަށް ބުނެ އެ މެޗުގައި ރެފްރީކަން ކުރި ނެދަލެންޑްސްގެ ޑެނީ މަކެލީ މައާފަށްއެދިއްޖެއެވެ.

ކޮލިފައިންގައި ސާބިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މި މެޗުގައި ރެފްރީކަން ކުރި މަކެލީ ބުނީ ފީފާގެ ޕޮލިސީތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ކަމެއްވެސް ކުރުމަށް ފަސްނުޖެހޭނެ ކަމަށާއި އެގޮތުން އޮންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕޯޗުގަލް ގައުމީޓީމުގެ ކޯޗު ސަންޓޮސްއާއި ޕޯޗުގަލް ގައުމީޓީމުގެ ކިބައިން ވެސް ވަރަށް ބޮޑަށް މައާފަށް އެދޭކަމަށެވެ.

އިތުރަށް މަކެލީ ބުނީ ރެފްރީންނަކީ ވެސް އިންސާނުން ކަމަށާއި އެގޮތުން ގޯހެއް ހެދިދާނެ ކަމަށެވެ. އަދި ރެފްރީންގެ ޓީމުން އަބަދުވެސް ބަލަނީ ވީ އެންމެ ރަނގަޅަށް ކޮންމެ ނިންމުމެއްވެސް ނިންމުމަށް ކަމަށާއި އެއީ ސީދާ އެނގިގެން ގަސްދުގައި ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި  އެކަން އެގޮތަށް މެދުވެރިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އެ ސްޓޭޑިއަމްގައި ގޯލް ލައިން ޓެކްނޮލޮގީ އާއި ވީއޭއާރު ސިސްޓަމް ޤާއިމްކޮށްފައި ނެތުމުން ކަމަށްވެސް މަކެލީ ބުންޏެވެ. އަދި އެފަދަ ނިންމުމެއް ނިންމުނީތީ އެކަމާއި ނިހާޔަތަށް ހިތާމަކުރާ ކަމަށްވެސް މަކެލީ ބުންޏެވެ.

" އަހަރެމެންނަށް ނިންމުނު ނިންމުމާއި މެދު ހިތާމަކުރަން. އެއީ ގޯސް ނިންމުމެއް. އެކަން ދިމާވި އެންމެ ބޮޑު ސަބަބަކީ ގޯލް ލައިން ޓެކްނޮލިގީއާއި ވީއޭއާރު ގާއިމްކޮށްފައި ނެތުން. އެ ގޯލު އޮތީ ރޮނގޫ ހުރަސްކޮށް ގޯލުގެ ތެރެއަށް ވަދެފަ. އެ ގޯސް ނިންމުން ނިމުނީތީ ޕޯޗުގަލްގެ ކޯޗާއި ޓީމުގެ ކިބައިން މައާފަށް އެދެން. މަކެލީ ބުންޏެވެ.

މިމަހުގެ 28 ވަނަ ދުވަހު ސާބައިއާގައި ޕޯޗުގަލް އަދި ސާބިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެނެވެ.

މެޗުގައި ސާބިއާ އިން  ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި ޕޯޗުގަލުން ދެ ގޯލު ޖަހައި ކުރި ހޯދައިފައި ވަނިކޮށެވެ. ޕޯޗުގަލް އިން މެޗުގެ 11 ވަނަ މިނެޓްގަ އާއި 36 ވަނަ މިނެޓްގައި ގޯލްތައް ޖެހި އިރު އެ ދެ ގޯލުވެސް ޖަހައިފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވާޑް ޑިއޮގޯ ޖޯޓާ އެވެ. ސާބިއާގެ ފުރަތަމަ ލަނޑު މެޗުގެ ފަހު ހާފުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކުރި އިރު ނަތީޖާ އެއްވަރު ކުރި ލަނޑު އެ ޓީމުން ޖެހީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ.

މެޗުގެ ފަހު ވަގުތުގެ ތެރޭގައި ރޮނާލްޑޯ ސާބިއާގެ ގޯލަށް ވައްދާލި ބޯޅަ ގޯލެއްގެ ގޮތުގައި ބަލައިފައި ނުވަނީ އެ ބޯޅަ ގޯލު ރޮނގު ހުރަސްކޮށް އެތެރެއަށް ނުވަންނަ ކަމަށް ރެފްރީ ނިންމުމުންނެވެ. އެކަމަކު ޓީވީ ރީޕްލޭ އިން ދެއްކި ގޮތުން ރޮނާލްޑޯ ޖެހި ބޯޅަ ސާބިއާގެ ޑިފެންޑަރު ދިފާއުކޮށް ގޯލާ ދުރަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އޭރު އޮތީ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެފައެވެ. މި މެޗު ކުޅުނު ސްޓޭޑިއަމްގައި ނެތުމުން ގޯޯލް ލައިން ޓެކްނޮލޮޖީ އާއި ވީއޭއާރު ބޭނުންކޮށްފަ އެއް ނުވެ އެވެ.

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަމުން ދިޔައެވެ. ނަމަވެސް އެއީ ގޯލެއް ނޫންކަމަށް ރެފްރީ ނިންމުމާއި ގުޅިގެން އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރހުން ފާޅުކޮށް އޮފިޝަލުން ގާތު ޝަކުވާ ކޮށްފައެވެ. އަދި، ކެޕްޓަން ބޭންޑް ނަގައި ދަނޑު މައްޗަށް އެއްލާލުމަށްފަހު މެޗު ނުނިމެނީސް ރޮނާލްޑޯ ވަނީ ދަނޑުން ފައިބައިގެން ވެސް ގޮސްފައެވެ.

ރޮނާލްޑޯގެ މި އަމަލާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅުކޮށްފައިވާއިރު، ޕޯޗުގަލް ޓީމުގެ ކޯޗު ސަންޓޮސް ބުނީ އޭނާ އަށް ރޮނާލްޑޯގެ މި އަމަލާއި ގުޅިގެން އެއްޗެއް ބުނަން ނޭންގޭ ކަމަށާއި ނަމަވެސް ޕޯޗުގަލްއަށް ގެއްލިގެން ދިޔަ އެ މެޗުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިހާތަނަށް ޕޯޗުގަލުން ދެ މެޗު ކުޅެފައިވާ އިރު އެ އެ ޓީމު ވަނީ ފުރަތަމަ މެޗުގައި 0-1 އިން އާޒަރުބައިޖާން ބަލިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް