ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ވިލިމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި ރޭ ހަމަ ނުޖެހުންތަކެއް ހިންގައިފި އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހަމަ ނުޖެހުން ހިންގާފައިވަނީ ކުދިންނާއި އެ ކުދިން ބަލަހައްޓާ މުވައްޒަފުންނާއި ދެމެދު ކަމެއް ޔަގީނެއް ނުވެ އެވެ. އަދި ހަމަ ނުޖެހުން ހިންގީ އެ ތަނުގައި އުޅޭ ކުދިންތަކެއްގެ މެދުގައި ކަން ޔަގީނެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނާއި މެދުއެވެ.
ރޭ ހިނގި ހަމަ ނުޖެހުންތަކުގައި ދައުލަތުން ބަލަހައްޓާ 10 ކުއްޖަކު އެތަނުން ނުކުމެ ފިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ކުދިން ތަކެއް އެތަނުން ނުކުތްކަން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވަނީ "ދުވަސް" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
އިބްރާހިމް ވިދާޅުވީ ރޭގައި ކުޑަކުދިންގެ ހިޔާގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެކަމަކު ރޭގެ ވަގުތެއްގައި އެތަން އާންމު ހާލަތަށް ގެނެސްފައިވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގެ ތެރެއިން ހިޔާއިން ކުދިންތަކެއް ނުކުމެގެން ދިޔަ ކަމަށާއި އެ ކުދިން އަނބުރާ އެތަނަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެ ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެތަނުން ނުކުމެގެން ގޮސްފައިވަނީ ކިތައް ކުދިން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކުޑަކުދިންގެ ހިޔާ މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އަދި މީގެ ކުރިން ކުދިން ފިލުމުގެ ހާދިސާތައްވެސް ކުރިމަތިވެފައި ވެއެވެ.
އެތަނުގައި ބަލަހައްޓަމުން ދަނީ އުމުރުން 13-18 އަހަރާއި ދެމެދުގެ ކުދިންނެވެ. މިވަގުތު ހިޔާގައި 29 ކުދިން އެބަ ތިއްބެވެ.
އެތަނުގައި ބަލަހައްޓަމުން ދިޔަ ބައެއް ކުދިން މިދިޔަ އަހަރުން ފެށިގެން ދަނީ އަތޮޅު ތެރޭގައި ޖެންޑާ މިނިސްޓްރީން ގާއިމް ކޮށްފައިވާ "އަމާން ހިޔާ" ތަކަށް ބަދަލު ކުރަމުންނެވެ.
އޭގެ ތެރެއިން ބައެއް ކުދިންގެ އަހުލާގީ ފެންވަރާއި ގުޅިގެން ބައެއް ރަށްރަށުގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވެ އެވެ. މިކަމާއި ގުޅިގެން ޖެންޑާ އިން ބުނީ ދައުލަތުން ބަލަހައްޓާ ކުދިން މުޖުތަމައުއަށް ނެރުމަށް އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް