ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުނާހާ ގޮތަކަށް ކަންތައް ކޮށްދޭ ޕަޕެޓެއް ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕު ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އާދަމް މިހެން ވިދާޅުވީ ކަރަންޓު ބިލުތަކެއް ނުދެއްކި ކަމަށް ބުނެ ށ. ބިލެއްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު އެލްޖީއޭއިން ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ. ޒިޔާދު މިޑީއާގައި ވިދާޅުވީ އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެ އެ އޮތޯރިޓީން ލިޔުން ފޮނުވީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށް ކަމަށެވެ.
މި މައްސަލައިގަ އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެލްޖީއޭއިން އަމަލުކުރަމުން ދަނީ ސަރުކާރުގެ މަޖިލީސް މެމްބަރުން ބޭނުންވާހާ ގޮތަކަށް ޕަޕެޓަކަށް ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ މިސްރާބު ހުރީ ހުދުމުހުތާރު ކަމުގެ މަގަށް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީގެ ތަހުޒީބީ މަގަށް ސަރުކާރު ރުޖޫއަ ވާން ޖެހޭ ކަމަށެވެ.
https://twitter.com/Adamshareefz/status/1376814698616614916
ޒިޔާދު ސަސްޕެންޑު ކުރީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި މަގުބައްތި ތަކުގެ ކަރަންޓު ބިލު ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައި ނުވާތީ، އެތަންތަނުން ކަރަންޓު ކަނޑާނެ ކަމުގެ ނޯޓިސް ފެނަކައިން ދީފައިވާ ކަމަށް ބުނެ އެވެ.
ނަމަވެސް ޒިޔާދު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
ޒިޔާދު ވިދާޅުވީ އެ ރަށު ކައުންސިލުން ވާނީ މި މަހުގެ 27 ވަނަ ދުވަހު ދައްކަން ހުރި ބިލުތަކެއް ދައްކާފަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް