ރޯދަ މަހު ކޯވިޑް ފިޔަވަޅުތަކަށް ލުއިދޭން ގޮވާލާ ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިޔަށް އޮތް ރޯދަ މަހު ލުއި ދިނުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ. މި ގަރާރު މަޖިލީ...

30 Mar 2021 | 08:54

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިޔަށް އޮތް ރޯދަ މަހު ލުއި ދިނުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލީ 23 މެމްބަރުންގެ ތާއީދާއި އެކު އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގެންނަން މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން އަޅާފައިވާ ފިޔަޅުތައް އަހަރު ދުވަހަށް ދިގު ދެމިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ގެއްލި މަސްވެރިކަމުންނާއި، ދަނޑުވެރިކަމުން އާމްދަނީ ހޯދަމުން އައި އާއިލާތައް ބިކަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ ސިނާއަތްތައް ކުރިއަށް ގެންދަން އެކި ފަރާތްތަކުން ބެންކުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކި އެ ފަރާތްތައް ބޭންކަށް ދަރައި ދިރިއުޅުމުގެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ރައްޔިތުން ބޮޑުތަނުން ދަރަނިވެރިވެފައިވާ ކަމަށް ޖާބިރުގެ ގަރާރުގައި ވިދާޅުވިއެވެ.

ބަރަކާތްތެރި ރޯދަމަސް ފެށެން ދުވަސްކޮޅަކަށް ވެފައިވާއިރު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ކުޑަކޮށް ރައްޔިތުންގެ ހިތްތަކަށް އުފާ ގެނެސްދިނުމަށް، ކޮވިޑް 19 އާ ގުޅިގެން އަމަލު ކުރަމުންގެންދާ ގައިޑްލައިނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރަށް ބާރު އަޅާން ފާސްކުރުމަށް ވެސް އެ ކުއްލި މައްސަލައިގައިވެއެވެ.

ގަރާރު ބޭރު ކޮށްލުމުން ޖާބިރު ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައި އެވެ. ކޯވިޑްގެ ފިޔަވަޅުތަކާއި ގުޅިގެން ޓޫރިޒަމާއި އާންމުންނާއި އެނޫންވެސް ދާއިރާތަކަށް ދަތިތަކާއި ކުރިމަތިވެފައިވާތީ ފިޔަވަޅުތައް އުވާލުމަށް އެންމެ ގިނައިން ގޮވާލައްވާ ބޭފުޅަކީ ޖާބިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް