މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީ ކޮށް ހުޅުވީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެވ...

30 Mar 2021 | 08:12

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީ ކޮށް ހުޅުވީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުވައެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ ފައިވެ އެވެ.

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމާއި ކުލުނާ އިހުތިރާމާއެކު ހިދުމަތް ފޯރުކޮށް ދިނުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތާއި ޒިންމާކަމަށް ނަވީން ވިދާޅުވި އެވެ. ހަމައެއާއެކު ހުޅުވިގެންދާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ސަބަބުން ވަށްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރެއްވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިންގ ގައެވެ. އާ އިމާރާތް ހުޅުވާފައިވަނީ ވެސްޓް ޕާކު ސަރަހައްދުގައި އެވެ.

މާފަންނު ޕޮލިސް އާ އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް