ސިލްސިލާ ވާޙަކަ: ޒާރާ - އަށްޑިހަ ފަސްވަނަބައި

''އޮފީސް ދަތުރެއްވީމަ މަޑުކުރެވޭކަށް ނޯންނާނެއެއްނު............ ފަހުދުބެ އަށްވެސް އެނގެއެއްނު ކިހާ ބިޒީކޮއްކަން އުޅެންމި ޖެހެނީ...............'' ފޮށިގަނޑުގައި ޓޭޕް އަޅާ ބަންދުކޮއްލަމުން ޒައިދު ބުނެލިއ...

30 Mar 2021 | 06:34

''އޮފީސް ދަތުރެއްވީމަ މަޑުކުރެވޭކަށް ނޯންނާނެއެއްނު............ ފަހުދުބެ އަށްވެސް އެނގެއެއްނު ކިހާ ބިޒީކޮއްކަން އުޅެންމި ޖެހެނީ...............'' ފޮށިގަނޑުގައި ޓޭޕް އަޅާ ބަންދުކޮއްލަމުން ޒައިދު ބުނެލިއެވެ.

''އާނ....... ތިންދުވަސް މަދެއްވެސް ނޫނެއްނު........... އެހެން ނޫނަސް ޒައިދު ފުރިޔަސް ޒައިދުގެ ދޮންތަ އެކަނިވިޔަކަ ނުދޭނަން............ ވަރަށް ގާތުން ބަލާނަން ހުރިހާކަމެއްވެސް............'' ފަހުދު ބަލާލީ ޒާރާގެ މޫނަށެވެ. ފަހުދު ބުނި އެއްޗަކުން ޒާރާގެ މޫނަށް ވެރިވީ ކޮންކަހަލަ ކުލަވަރެއްކަން ފަހުދު ބަލަން ބޭނުންވިއެވެ.

ޒައިދު ފުރައިގެން ދިއުމުން ޒާރާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. ޒައިދު މާލޭގައި ހޭދަކުރީ ތިން ދުވަހުގެ ކުރު މުއްދަތެއް ނަމަވެސް އެ ތިން ދުވަހަކީ ޒާރާއަށް ނުހަނު ހަމަޖެހިގެން އުޅެވުނު ތިން ދުވަހެވެ. އެއްވެސް ބިރުވެރިކަމެއް ނެތި ހަމަޖެހިގެން ނިދާލެވުނެވެ. ޒިލީ ރައްކާތެރިކަން އިހްސާސް ކުރެވުނެވެ. މިނިވަން ކަމާއެކު ގޭތެރޭގައި އުޅުމުގެ ފުރުސަތު ލިބުނުވެސް މެއެވެ.

ހަވީރުގެ ވަގުތެވެ. ޒިލީ އުނދޯއްޔަށް ލައިގެން ޒާރާ ހުރީ ޓެރަސްގައެވެ. ކުޑައުނދޯލީގެ ވަލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ޒިލީއާ ވާހަކަދައްކާށެވެ. ޒާރާ ބުނާ ކޮންމެ އެއްޗަކަށް ޒިލީ ހީލައެވެ. ތުއްތު އަޑުން އަޑު ލައްވާލައެވެ.

ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުޑުމަތީގައި ވިލާ ބޯވެ ޖެހެމުން ދިޔަ މަޑު ވައިރޯޅި ބާރުވެއްޖެއެވެ. ޒާރާ އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ދާދި ދެންމެއާ ޖެހެންދެން ނުހަނު ސާފުކޮއް އޮތް އުޑުމަތި އޮތީ ވިއްސާރަ ވިލާތަކުން ފުރާލާފައެވެ.

ޒާރާގެ ދިރިއުޅުންވެސް ހަމަ އެފަދަ އެވެ. ކުޑައިރުގެ ހިތްދަތި ދިރުއުޅުމުގައި ތަހައްމަލު ކުރަން ޖެހުނު ވޭނާ ކެކުޅުމަށްފަހު ހިތަށް އުފާވެރިކަމާ ހަމަޖެހުން ލިބިގެން ދިޔައީ އިމްރާން ގެ ފަރާތުން ލިބުނު ލޯތްބާ އަޅާލުމާ އޯގާތެރި ކަމުގެ ސަބަބުންނެވެ. އެހެންނަމަވެސް އެ އުފާވެރި ދިރިއުޅުމުގައި މިއަދު މިވަނީ އަލިފާން ރޯވެފައެވެ. އިމްރާނުގެ ސަބަބަކުން ނޫނެވެ. ޚުދު ޒާރާގެ ސަބަބުންނެވެ. ނޫނެކެވެ. ޒާރާގެ ކުށަކީ ކޮބާހެއްޔެވެ. ޒާރާއަކަށް ނުވިސްނުނެވެ.

''ދަރިފުޅާ ވާރޭ ވެހެން އެއުޅެނީ......... އާދޭ އެތެރެއަށް އެމަންޖެ ގޮވައިގެން..........'' މައިދައިތަގެ އަޑުން ޒާރާ ސިހުނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލުމަށްޓަކައި އެސްފިޔަތައް ތަޅުވާލިއެވެ. އަދި ޒިލީ އުރާލާއިގެން އެތެރެއަށް ވަނެވެ.

''އައްދެ  މީނދީ ދޯ ޒިލީ............ ދީބަލަ އުރާލަން.......'' އެވަގުތު އެތެރެއަށް ވަދެގެން އައި ފަހުދުގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ. ފަހުދާ ހަތަރުކަޅި ހަމަކުރެވުމާއެކު ޒާރާއަށް ތެޅިގަނެވުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އިހްސާސް ކުރެވުނު ބިރުވެރިކަމެއްގެ ސަބަބުންނެވެ.

ފަހުދު ޒާރާއާ ނުހަނު ގާތަށް އައިސް ހުއްޓުނެވެ. ޓެރެސްގައި ހިއްކަން އަޅާފައި ހުރި އެއްޗިހިތައް ނަގަން ސަރީފާ ނިކުތްގަޑިކަމުން ފަހުދު އެ ފުރުސަތު ބޭނުން ހިފިއެވެ. ޒިލީގެ މޫނުގައި ބޮސްދިނުމުގެ ބަހަނާގައި ޒާރާގެ މޫނާ ފަހުދު މޫނު ކައިރި ކޮއްލިއެވެ. އެތެރެއަށް ނޭވާ ދަމާލަމުން ލޯމަރާލިއެވެ.

''ހާދަ މީރުވަހެކޭ........... '' ދެލޯ ހުޅުވާލަމުން މަސްތީ އަޑަކުން ފަހުދު ބުންޏެވެ.

''ގޮތް ކުޑަ............'' ޒާރާވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ފަހުދާ ދުރަށް ޒާރާ ޖެހިލިއެވެ. މޫނު ކުނިކޮއްލަމުން ފަހުދަށް ބަލާލިއެވެ.

''މިރޭ އަންނާނަން............... ބޯއްތަ ކަންތައް އަހަރެން ހަމަޖައްސާނަން........ '' ފަހުދު އެބުނި އެއްޗަކުން ޒާރާގެ މޫނުމައްޗަށް އަނދިރި ވާހެން ހީވިއެވެ. މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ފަހުދު ދެން ދުވަހަކުވެސް ޒާރާ ދޫކޮއްނުލާނެ ކަން އޭނާއަށް އެނގުނެވެ.

''ފަހުދު........... އަހަރެންގެ ނިކަމެތިކަމުގެ ފައިދާ ތި ނަގަނީ ވަރަށް ރަހުމު ކުޑަކޮށް.............. ތިހެން ނުހަދާ......... ފަހުދު ބޭނުން އަދަދަކަށް ފައިސާ ދީފާނަން.............އަހަރެންނަށް ތިހެން ނުހަދާ........... ހެޔޮނުވާނެ............'' ޒާރާ ފެންކަޅިވިއެވެ.

''ފައިސާ ދޯ........... އިމްރާނުގެ މުއްސަނދިކަމުން މަށަށް ލިބޭބައި މަދެއް ނޫން............ ފައިސާ އަށް ވުރެ ތި ރީތި ޒުވާން ހަށިގަނޑުން ލިބޭ ލައްޒަތު މާ ރަނގަޅު....... ހުވާ ހަމަ މޮޔަވެއްޖެ............ '' ފަހުދު ޖެހިލުމެއްނެތި އޭނާގެ ހިތުގެ އެދުން ފާޅު ކުރިއެވެ.

''ބޯއްތާ...... ފަހަރިގާތުގައި މި ކިޔަނީ ކޮފީއެއް ހަދާދޭށޭ......... އެކަމު ހަމަ ހުރިތަނުގަ އެހުރީ ............ މިވަރަށް ކިޔާއިރުވެސް................'' އަންނައުނުތައް ހިފައިގެން އެތެރެއަށް ވަންތް ސަރީފާގެ މޫނަށް ބަލާލަމުން ފަހުދު ސަމާސަ ރާގުގައި ބުނެލިއެވެ. ސަރީފާ ފަހުދުގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. އަދި ދޮރު ލައްޕާލިއެވެ.

ސަރީފާގެ އެ ހަރަކާތުގެ ސަބަބުން ޒާރާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެވަގުތު ޒާރާގެ ހަވަނަ ހިއްސު އޭނާއަށް އެކަން އޮޅުން ފިވައިދިނެވެ. ލެއްޕިގެން ދިޔަ ދޮރު ކައިރިއަށް ޒާރާ ޖެހިލީ ބޭރުގައި ދައްކާ ވާހަކަ އަޑު އަހާލުމަށެވެ.

''ޒާރާ ހުންނަގޮތެއްނު މިހާރު............ ކީތް ކުރާނީ.......... ބޯއްތަވެސް ވަރަށް އަހައިފިން............ އިމްރާން ފުރިފަހުން އެހުންނަނީ އެހެން........... ހީވަނީ މާބޮޑަށް އެކަނިވާތީހެން............. ފަހުދުވެސް ތަންކޮޅެއް ގިނައިން މިބައިގައި ވަގުތު ހޭދަކޮއްބަލަ............ ޒާރާއަށް އެހީތެރިވެދީ އަޅާލަން މިއަދު ތިބި ބަޔަކީ އަހަރެމެން.......'' ސަރީފާ ބުނި އެއްޗަކުން ފަހުދުގެ ހިތް އުފަލުން ނަށާލިއެވެ. އެ ފުރުސަތަށް އެދިއެދި އޭނާ ހުންނަތާ ކިހާ ދުވަހެއް ހެއްޔެވެ.

''އަހަރެން ވާހަކަދައްކާނަން........... ބަލާނަން ގިނަވަގުތު މިބައިގައި އުޅެވޭތޯ........ ފަހަރި އެއީ ހަމަ އަހަރެންގެ އަމިއްލަ ކޮއްކޮއެއް ފަދަ ކުއްޖެއް............ ތި ހުރިހާ ކަމެއް ބޯތައަށް ފާހަގަކުރެވޭ ފަދައިން އަހަންނަންވެސް ފާހަގަ ކުރެވޭ.......... އެކަމަކު ފަހަރި ހިތްހަމަ ނުޖެހިދާނެތީ އެއްޗެއް ނުބުނެ މި ހުންނަނީ.........'' ފަހުދު ނުހަނު އޯގާތެރި ކަމާއެކު ވާހަކަދެއްކިއެވެ.

ޒާރާއަށް އަޑު ނީވޭނެ ކަމަށް ހީކޮއް އެމީހުން އެ ވާހަކަ ދެއްކި ނަމަވެސް ޒާރާއަށް ހުރިހާ ވާހަކައެއް ވެސް އިވުނެވެ. ފަހުދަށް މައިދައިތަ އެ ހުޅުވާލަދިން ފުރުސަތަކީ ޒާރާގެ ދިރިއުޅުމުގެ އުފާތައް ވެއްޔާ މޮޑެލުމަށް ދެވުނު ދައުވަތެއްކަމެއް މައިދައިތައަށް އެނގޭނެ ނަމައެވެ. ފަހުދަކީ އިންސާނުންގެ ސިފައިގައި ހުރި ޝައިތާނެއް ކަން މައިދައިތަ ގާތުގައި ބުނަން ޒާރާ ބޭނުން ވިއެވެ. އެހެންނަމަވެސް އެއީ ކިހިނެއް ޒާރާއަށް ކުރެވޭނެ ކަމެއް ހެއްޔެވެ. ޒާރާ އަވަސް އަވަހަށް ކޮޓިއަށް ވަދެ ތަޅުލިއެވެ.

ފޯނު ނަގާ ޒައިދަށް ގުޅާލިއެވެ. ދުވަސް ކޮޅަކަށް ރަށަށް ގޮސްލަން ބޭނުން ވާހަކަ ބުނުމުން ޒައިދު ނުހަނު އުފަލުން އެކަން ގަބޫލު ކުރިއެވެ. އެފަދަ ނިންމުމެއް ޒާރާ ނިންމަން ޖެހޭނީ ވަރަށް ބޮޑު ކަންތައް ތަކެއް ހުރުމުންކަމުގައި ޒައިދަށް ގަބޫލު ކުރެވުނެވެ.

******

ހަވީރުއްސުރެ ވެހެމުން ދިޔަ ވާރޭ ހައްތަހާ ދިޔައީ ބޯކުރަމުންނެވެ. ހިނދެއް ހިނަދަކަށް ވައި ބާރުވެ މޫސުން ގޯސްވަމުން ދިޔައެވެ.

ޒާރާ އެނދުގައި އޮވެ ވިސްނަމުން ދިޔައީ މައިދައިތަ ގާތުގައި އެވާހަކަ ބުނާނެގޮތަކާ ދޭތެރޭގައެވެ. ކޮންމެ ގޮތެއް ވިޔަސް ޒާރާ މިތަނުން ދާން ބޭނުމެވެ. ފަހުދުގެ ކިބައިން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށް ވާތީއެވެ.

ޒާރާގެ އަށް ސިހުން ލިބުނީ ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ގުޅަނީ އިމްރާނެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އިމްރާނު ގުޅައެވެ. އެހެންނަމަވެސް ޒާރާއަށް އެ ކޯލަށް ޖަވާބު ދިނުންވެސް މިހާރުވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ޒާރާއަކީ ކުއްވެރިއެއް ކަމުގެ އިހްސާސް ކުރެވޭތީ އިމްރާނާ ވާހަކަދައްކަންވެސް ޒާރާއަށް ފަސް ޖެހެވެނީއެވެ. އަބަދު އިހްސާސް ކުރެވެނީ ޒާރާައަކީ ބޭވަފާތެރިއެއް ކަމުގައެވެ. އިމްރާނު ކަހަލަ ރަނަގަޅު، މާތް މީހެއްގެ އަނތްބަކަށް އެކަށީގެން ވާ މީހެއް ނޫންކަމުގައި ޒާރާގެ ހިތް ބުނަމުން ދަނީއެވެ.

ޒާރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

''ހަލޯ.......... މަގޭ ދޫނިގަނޑު ކިހިނެތް.......... ހަމަ ވަރަށް ވަރަށް މިސްވެގެން މިގުޅީ........... ކޮބާ މަގޭ ދަރިފުޅު..........'' އިމްރާނުގެ އޯގާތެރި އަޑު އަންފަތުގައި ޖެހުމާއެކު ޒާރާގެ ލޮލުން ކަރުނަ ހިލުނެވެ. އަނަގައިން އެއްވެސް ބަހެއް ބޭރެއް ނުކުރެވުނެވެ.

''ޒާރާ............. މަގޭ ފުރާނަޔާ.......... ވާހަކަދައްކަބަލަ .............. '' އިމްރާނުގެ އަޑުގައިވަނީ ލޯތްބެވެ. އޯގާތެރިކަމާ ކުލުނެވެ.

ޒާރާ ބޭނުންވީ ހުރިހާ ވާހަކައެއް އިމްރާނަށް ކިޔައިދޭށެވެ.

''އިމްރާން...........'' ތުރުތުރު އަޅާ އަޑަކުން ޒާރާއަށް ގޮވާލެވުނެވެ.

''ޒާރާ............. ރޮނީތަ.............. ޒާރާ ރޯންޖެހޭ ވަރު އެއްވެސް ކަމެއް އަހަރެން ދުނިޔޭގައި ހުރެ ވިޔަކަ ނުދޭނަން........... ބުނޭ ޒާރާ.............. ކިހިނެތްވީ..............'' އިމްރާނު ކަންބޮޑުވިއެވެ.

......................................................

ނުނިމޭ... ވާހަކައިގެ އާ ބައއެއް، އިންޝާﷲ، 01 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް