ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަތޮޅު 'ޕާކް ހަޔާތް މޯލްޑިވްސް' ހަދާ ރިސޯޓްގެ ބޭރު ޖެޓީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މިލޯންޗް ބަންޑުންޖަހާފައި ވަނީ ބާރުގަދަ ކޮޅިގަނޑެއްގައި ޖެހިގެންނެވެ.
މި ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ 21:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މޫސުން ގޯސްވެ، ކަނޑު ގަދަވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން ދާ ކަމުގެ މައުލޫމާތު އެންއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން އިއްޔެ ބުނެފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި އިއްޔެ ވަނީ ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރިފައެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
އަދި މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. ދެކުނުގެ އަތޮޅުތަކުގައި ކަނޑުގެ ރާޅުގެ އުސްމިނުގައި 4–7 ފޫޓު ހުންނާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުގެ ރާޅުގެ އުސްމިނުގައި ހުންނާނީ 2–4 ފޫޓު ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގައި ކަނޑުދަތުރުކުރާ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް