ޕާކިސްތާންގެ ރައީސް އާރިފް އަލްވީ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ރައީސް އާރިފަށް ކޯވިޑް ޖެހިފައިވާކަން ހާމަ ކުރެއްވީ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރި ކުރައްވަ އެވެ. އެމަނިކުފާނު ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ އިއްޔެ އެވެ.
ރައީސް އާރިފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕޮސިޓިވް ވެފައިވަނީ ކޯވިޑްގެ ފުރަތަމަ ޑޯޒު ޖެހިފަހުން ކަމަށެވެ. އަދި ދެ ވަނަ ޑޯޒު ޖަހަން އަންނަ ހަފްތާއަށް މުއްދަތު ހަމަވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޕާކިސްތާނު ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައި އެވެ.
ޕާކިސްތާނުގެ ރައީސް ކޯވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ނުވަ ދުވަސް ކުރިން އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ ޕޮޒިޓިވްވެފައެވެ. ބޮޑުވަޒީރު އިމްރާން ވެސް ޕޮޒިޓިވްވެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިތާ ކައިރީގައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސްގެ އިތުރުން އެގައުމުގެ ޑިފެންސް މިނިސްޓަރު ޕަރްވޭޒް ހަތަކް ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ޕާކިސްތާނުގައި ދެމުން އަންނަނީ ޗައިނާގައި އުފައްދާ ސިނޯފާމް ވެކްސިނެވެ.
ޕާކިސްތާނުގައި މިހާތަނަށް 659,116 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް