މިނިސްޓަރުގެ ގަލަންކޮޅުން: އަސްކަރީ ގާބިލުކަން ވަރުގަދަކުރުމުގައި ދިވެހި ސިފައިން

ބަވަނަވެފައިވާ މިދުނިޔޭގައި ބަދަލުވަމުންދާ ނުރައްކަލުގެ ވެށީގައި ހުޝިޔާރުކަމާއެކު ޙަރަކާތްތެރިވުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމަށް އަޅުގަނޑުމެން މިދަނީ ގިނަ މަސައްކަތްތަކެއް ކ...

30 Mar 2021 | 05:44

ބަވަނަވެފައިވާ މިދުނިޔޭގައި ބަދަލުވަމުންދާ ނުރައްކަލުގެ ވެށީގައި ހުޝިޔާރުކަމާއެކު ޙަރަކާތްތެރިވުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމަށް އަޅުގަނޑުމެން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ އަވަސް ތަރައްޤީ އާއި ހެޔޮ ބަދަލުތަކުގެ ތެރެއިން ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައް މިއަދު ވަނީ ގިނަކުރެވިފައެވެ. އެހެނީ ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށްތިބޭ ތެދުވެރި ވަފާތެރި ބަޔަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ދެވޭ ތަޢުލީމާއި ތަމްރީނެވެ.

މިސަރުކާރުގެ ޢަމާޒަކީ، ދިވެހި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަމަށް ބުރޫނާރާނެހެން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުމެވެ. ރާއްޖެ ހިމެނޭ ޞަރަޙައްދަކީ ކަނޑުފޭރުމާއި ނިރުބަވެރިކަން ފަދަ ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ، ހަލަބޮލި ސަރަޙައްދަކަށްވާއިރު، ރާއްޖެ ހިމެނޭ މިސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖެއިން ދަނީ އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ބޭރުގެ ފަންނުވެރިންގެ އެހީ އަޅުގަނޑުމެން މިދަނީ ހޯދަމުންނެވެ. އަދި ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށްޓަކައި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ އިތުރުން، ޓެކްނިކަލް އެހީއާއި އާލާތްތައްވެސް އަޅުގަނޑުމެން މިދަނީ ހޯދަމުންނެވެ. ކޯވިޑް- 19 ގެ މި ދަތިއުނދަގޫ ހާލަތުގައިވެސް ދާދިފަހުން، އެމެރިކާގެ ސެކިއުރިޓީ ފޯރސަސް ބްރިގޭޑް "އެސްއެފްބީއޭ 5"ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން"ގެ ނަމުގައި އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ކާމިޔާބުކަމާއެކީ ނިންމާލައިފައެވެ.

މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް މޭޖަރ ޖެނެރަލް ޑޭން މެކްޑޭނިއަލް ދެއްވި އިރުޝާދާއި އެއްބާރުލުން ޝުކުރާއެކީ ފާހަގަކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތުގައި މާތްﷲ ކާމިޔާބު މިންވަރުކޮށްދެއްވުމެވެ. އާމީން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް